ކުޑަކުދިންނަށް ފޮތްކިޔައިދިނުމަކީ، އެކުދިންނަށް އެކުދިންގެ ވަށައިގެންވާ ދުނިޔޭގެ މައުލޫމާތު އިތުރުވެ، ހޭލުންތެރިކުރުވާ ވިސްނުންތޫނުވެ އަދި ބަސްކޮށާރު މުއްސަނދިވާނެކަމެކެވެ. ފޮތްކިޔައިދިނުން ގިނަ ކުރާނަމަ އެކުދިންވެސްފޮތް ކިޔުމަށް ޝައުޤުވެރިވެއެވެ.
ފޮތްކިޔައިދިނުމުގެ ތެރެއިން، ފޮތުގައިވާ، ތަސްވީރުތަކުން ވާހަކަ ދޭހަކުރުމަށް އެހީތެރިވުމާއި ވާހަކައިގައި ފެށުމަކާއި ނިމުމެއް، އޮންނަކަން ކުއްޖާއަށް ކިޔައިދިނުން މުހިންމެވެ. ފޮތް ކިޔައިދޭ އަޑު އެހުމުންނާއި، ކިޔައިދެމުންދާއިރު ބެލުމުން، އަދި ސުވާލުކުރުމުން، ކުދިންގެ ބަސްކޮށާރާއި، ދޭހަވުމުގެ ހުނަރު ތަރައްޤީވަމުން ދެއެވެ. ތަކުރާރުކޮށް، އަޑުއިއްވައި، ބާރަށް ފޮތްކިޔައިދިނުމުން، ހަމައެކަނި، ކުދީންނަށް ކިޔަން ދަސްވަނީއެއް ނޫނެވެ. ސުކޫލުގައި ކާމިޔާބު ކުއްޖަކަށް ވުމަށްވެސް މަގުފަހިވެ ވިސްނުންތޫނުވެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވެއެވެ.
ތުއްތުކުއްޖަކަށް ފޮތް ކިޔައިދޭނަމަ ބާރަށް ފޮތްކިޔައިދިނުމަށް އާދަކުރާށެވެ. އަދި ފޮތްކިޔައި ދިނުމަށް ހޭދަކުރާ ވަގުތުތަކަކީ ދަރިފުޅާއިއެކު ހޭދަކުރެވޭ ވަރަށް ގާތް، އެކުވެރި ވަގުތުތަކަށް ހަދާށެވެ. އުނގުގައި ދަރިފުޅު ބައިންދައިގެން، ގާތްކޮށްގެން ބާރަށް ފޮތްކިޔައި ދިނުމުން މައިންބަފައިނާ އޮންނަ ގުޅުން އިތުރަށް އާލާވެ އެވެ. ތުއްތު ދަރިފުޅަށް ފޮތް ހޯދާއިރު، އޭނާގެ ވަށައިގެން ފެންނަ ތަކެއްޗަށް ކިޔާ ނަންތައް ދަސްވާނޭ ކަހަލަ ފޮތް ހޯދުމަށާއި، ބޯކަރުދާހުން ހުންނަ ފޮތް ހޯދަން ސަަމާލުކަން ދެއްވާށެވެ.
ކުދީންނަށް ފަސޭހަކަމާއިއެކު ފޮތް ލިބޭނޭހެން ފޮތް ބަހައްޓުމުން، އަދި ކުޅޭތަކެތީގެ ތެރޭގައިވެސް ފޮތް ހިމެނުމުން، ކުޅޭތަކެތި ނަގަން ބޭނުންވާގޮތަށް ފޮތްވެސް ކުޅުމަށް، ނަގަން ބޭނުންވާނެއެވެ. އެއް ފޮތެއް ތަކުރާރުކޮށް ކިޔައިދިނުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތަކުރާރުކޮށް ކިޔައިދޭށެވެ. ވާހަކައިގައި ކުދީން ބައިވެރިކުރާށެވެ. މިގޮތުން ގަނޑުއުކާށާއި، ތަސްވީރުތައް ދެއްކުމުގައި ކުއްޖާ ބައިވެރިކުރާށެވެ. ތަކުރާރުކުރާ ބަސްބަހާއި، ޖުމްލަ ކުދިންގެ ހިތުގައި ފަސޭހައިން ހަރުލާނެއެވެ.
ފޮތްކިޔައިދޭން އިންނައިރު ކުދީންނަށް ފޮތުގެ ލިޔުންތައް ފެންނާނޭހެން އިށީންނާށެވެ. ކިޔަމުން ދާއިރު ވަކިވަކި ލަފުޒުތަކުގައި އިނގިލިޖައްސަމުން ކިޔަމުން ގެންދާށެވެ. އޭރުން، ކުދީންނަށް ލަފުޒު ވަކިކުރަން ދަސްވުމަށް އެހީއަކަށް ވާނެއެވެ. ލަފުޒުގެ ފެށޭ އަކުރުގެ އަޑުގެ އެހީގައި ލަފުޒު ހޯދުމަށް، ކުދިންނާއި ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ކަންތައްކުރަން ފަސޭހަވާނީ ކުދީންނަށް ކިޔައިދޭ ވާހަކަ ތަކުރާރުކޮށް ކިޔައިދެވިފައިވާނަމައެވެ. އަމިއްލައަށް ކިޔަން ދަސްވާންފެށުމުން، އެހީތެރިވެދީގެން ކިޔައިދިނުން ކުޑަކޮށް މަދުކޮށްލާށެވެ. މިގޮތުން، ކުއްޖާ ލައްވާ އެއް ޞަފްޙާ ކިޔުއްވުމަށްފަހު ޖެހިގެން އަންނަ ޞަފްޙާ ކިޔައިދެވިދާނެއެވެ.