ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ. ސާކްގެ ކޮންމެ ގައުމެއްގެ މީހަކަށް ވެސް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ސީއީއޯގެ މަގާމުގައި ހުންނަ މީހަކަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 6،000 ޑޮލަރު (92،520ރ.) ލިބޭނެކަމަސް މައުލޫމާތު ލިބެއެވެ.

އެސްޑީއެފްގެ ސީއީއޯގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަސްކަމަށާއި މި މަގާމަށް އަންނަ މަހުގެ 23 ގެ އާ ހަމައަށް ކުރިމަތި ލެވޭނެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އާ ސީއީއޯ، އެމަގާމަށް އައްޔަނު ކުރާނީ، މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ.

އެސްޑީއެފްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތަކަށް ބަލާއިރު، މާލީ އިދާރާއެއް ހިންގުމުގައި މަދުވެގެން 15 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވުމާއި، މާލީ ދާއިރާއިން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއިން ނުވަތަ އިގްތިސާދީ ދާއިރާއިން މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ މީހަކަށް ވުން ހިމެނެއެވެ.

މިފަންޑުގެ ދަށުން މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހަރަދު ކުރާނެ އެވެ. އެގޮތުން ސާކްގެ އަށް ގައުމު ކަމަށްވާ، އަފްގާނިސްތާނާއި ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖޭ، އިންޑިޔާ، ސްރީލަންކާ، ނޭޕާލްގެ އިތުރުން ޕާކިސްތާނުގައި މި ފަންޑުގެ އެހީގައި މަޝްރޫއުތައް ކުރިއަށް ގެންދާނެ އެވެ. 2005 ވަނަ އަހަރު މިސަރަހައްދުގެ ގައުމުތައް ހިމެނޭ ސާކްގެ ކުޑައިގެ ދަށުން އުފެއްދި މި ފަންޑުގެ އޮފީސް ގާއިމްކޮށްފައި ވަނީ ބޫޓާންގެ ތިންފޫގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *