ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާ އަށް ވަޑައިގެންފި އެވެ. ދެދުވަހުގެ މި ދަތުރުފުޅުގައި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ހުޅުއްވައިދެއްވަން ވަނީ ހަމަޖެހިފައެވެ.
މޯދީގެ އުފަން ސްޓޭޓު ކަމުގައިވާ އަހުމަދުއާބާދުގައި ހުޅުވާ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ހުޅުވުމަށް ފަހު، ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ތާޖް މަހަލް އަށް ޒިޔާރަތް ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޓްރަމްޕަށް ހޫނު މަރުހަބާއެއް ކިޔުމަށް އެތައް ބަޔަކު، އަހުމަދުއާބާދުގައި ހުޅުވާ ސްޓޭޑިއަމަށް ވަނީ ޖަމާވެފައެވެ. ސްޓޭޑިއަމް ހުޅުވުމަށް ފަހު ބޮޑު ވަޒީރު މޯދީއާ އާއި ޓްރަމްޕް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ޕާޓްނަރު ކަމުގައި ވެފައި، ދެ ގައުމުން 2018 ވަނަ އަހަރު ކުރި ވިޔަފާރި 142.6 ބިލިއަން ޑޮލަރަށް އަރަ އެވެ.