މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ބޮޑު ވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ބޮޑުވަޒީރުގެ އޮފީހުން ވަނީ މަހާތީރުގެ އިސްތިއުފާގެ ސިޓީ، އެ ގައުމުގެ ގަޑިން މިއަދު މެންދުރު 1:00 ގައި ރަސްގެފާނާ ހަވާލު ކުރިކަން ކަށަވަރުކޮށްދީފަ އެވެ.
މަހާތިރު އިސްތިއުފާ ދެއްވާފައި މި ވަނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ފަށާފައި ވަނިކޮށް ކަމަށާއި، މަހާތިރު އިސްތިއުފާ ދެއްވި އިރު މީގެ ދެ އަހަރު ކުރިން، ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވެރިކަމުން ދުރުކުރަން އުފެއްދި ކޯލިޝަނުގެ ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފައިކަމަށް ރިޕޯރޓްލިބެއެވެ.
ނަޖީބު ރައްޒާގު އަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކުރެވިފައިވާއިރު، މަގާމުން ދުރުކުރުމަށް އޭރު އެއްބަސްވެފައިވާ ގޮތުން ދެ އަހަރަށް ފަހުން މަހާތިރު އިސްތިއުފާ ދެއްވަން ޖެހެ އެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަން ހަވާލު ކުރަން އޮތީ މަހާތިރުގެ ނައިބުކަން ކުރިން ކުރެއްވި އަންވަރު އިބްރާހިމަށެވެ.
ނަމަވެސް ކޯލިޝަނުގައި ހިމެނޭ ބައިވެރިން މިދިޔަ ހަފުތާ ބަންދުގައި ވަނީ އަންވަރުގެ ޕާޓީ ނުހިމަނައި، އާ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ކަމަށާއި، އަންވަރު ބާކީކޮށް، އާ ސަރުކާރެއް އުފެއްދުމަށް މަޝްވަރާކޮށްފައި ވަނީ މަހާތީރުގެ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން އާއި ވެރިކަމުން ދުރުކުރި ނަޖީބު ރައްޒާގުގެ ޕާޓީ އަދި އިސްލާމިކް ޕާޓީ ގުޅިގެންކަމުގައި ޚަބަރުލިބެއެވެ.
އަންވަރު އިއްޔެ ވަނީ ވެރިކަން ކުރާ ކޯލިޝަން ރޫޅާލަން އުޅުމުން އޭނާ އަށް ޝޮކެއް ލިބިވަޑައިގެންނެވި ކަމަށާއި އެކަމަކީ ވަރަށް ބޮޑު "ބޭވަފާތެރިވުމެއް" ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އޭނާ އަށް ވެރިކަން ހަވާލު ކުރުމުގެ ވައުދެއް އޮތުމުން އެވައުދު އުވާލާފައިވާތީކަމަށްވެއެވެ.
އުމުރުފުޅުން 92 އަހަރުގެ މަހާތީރު ވެވަޑައިގަންނަވާނީ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ބޮޑު ވަޒީރަށެވެ. މަހާތީރު ވަނީ 1981 އިން 2003 ވަނަ އަހަރާ ހަމައަށް، 22 އަހަރު މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. މަހާތީރުގެ ވެރިކަމުގައި ވަނީ މެލޭޝިއާ އަކީ ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ގަދަ ބާރަކަށް ހަދައިފަ އެވެ. މެލޭޝިއާގެ މި ޒަމާނުގެ ތަރައްގީގެ ބައްޕަ އަކީ މަހާތިރު ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ