ސްޕަލްއާ ދެކޮޅަށް ޔުވެންޓަސް 2-1 ން މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ، ފިޔޮރެންޓީނާ އަށް ކުޅުނު އާޖެންޓީނާގެ ފޯވަޑް ގެބްރިއަލް ބަޓިސްޓޫޓާ އާއި ސަމްޕްޑޯރިއާގެ ފޯވަޑް ފަބިއޯ ކްއަލިރެޔާ ހެދި ރެކޯޑާ އެއްވަރު ކޮށްފަ އެވެ.
ޕޯޗުގީޒްއަށް އުފަން އުމުރުން 35 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ފަށައިފައިވަނީ ޑިސެމްބަރު އެކެއްގައި ސަސުލޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު އެވެ. އެ މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އެދުވަހުން ފެށިގެން، ރޮނާލްޑޯ ވަނީ 11 މެޗުގައި 15 ލަނޑު ޖަހާފަ އެވެ.
މީގެ ކުރިން މިފަދަ ރެކޯޑެއް ހަދާފއިވާ ބަޓިސްޓޫޓާ އެ ރެކޯޑް ހެދީ، ފިއޮރެންޓީނާގައި 1994-95 ސީޒަންގަ އެވެ. ކްއަލިރެޔާ ރެކޯޑާ އެއްވަރު ކުރީ މިދިޔަ ސީޒަންގަ އެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ، އިންޓަ މިލާން އާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ލަނޑު ޖަހައިފިނަމަ އޭނާ އަށް އެ ރެކޯޑް މުގުރާލެވޭނެ އެވެ. ރޭގެ މެޗަކީ ރޮނާލްޑޯ ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗެވެ.