ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ ދެއްކި ވާހަކަތަކަށް ކަމަށް ބުނެ ނަހުލާ ހިތްހަމަނުޖެހުން ފާޅު ކުރައްވާ އޯޑިއޯއެއް ލީކުކޮށްލައިފިއެވެ.

ލީކު ކޮށްލާފައިވާ އޯޑިއޯގައި، އަލީ ވަހީދަށް ގުޅުއްވައި ނަހުލާ ފުރަތަމަ ވިދާޅުވަނީ "މިނިސްޓަރު ވަރަށް ހަޑިކޮށް ކަންތައް ކުރެއްވި" ކަމަށެވެ. ނަހުލާ އެހެން ވިދާޅުވުމާއެކު "އަޅުގަނޑު ހަޑިކޮށް ކަންތަަކެއް ނުކުރަން،" ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ. މީގެ އިތުރުން މިނިސްޓަރު ނަހުލާ ގުޅުއްވި ފޯނު ކޯލެއް ސްޕީކަރަށް ލައި އެހެން ބަޔަކަށް އިވޭ ގޮތަށް ހެދުމުން އެކަމާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ފޯނު ކަނޑާލާފައި ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ. ނަހުލާ އެ ވާހަކަތައް ދައްކަވަމުން ގެންދެވި ވަގުތު އަލީ ވަހީދު ތަކުރާރުކޮށް އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

ތަކުރާރުކޮށް މި އޯޑިއޯގައި އަލީ ވަހީދު ވަނީ އެއީ އެޑިޓުކޮށްފައި ހުރި އެއްޗެހި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަހުލާ ވަނީ އެއީ ރަނގަޅު ކޯލެއް ކަމަށާއި އޭނާގެ މައްސަލައަކީ އެހެން ބަޔަކު ތިއްބާ ސްޕީކަރަށް ލައިގެން ވާހަކަ ދެއްކުން ކަމަށްވެސް ވިދާޅުވެފައެވެ. ނަހުލާ ވަނީ އެއީ އޭނާ ވާހަކަ ދެއްކެވި ކޯލެއް ކަމަށްވިދާޅުވެ އެހެން އެޑިޓް ކުރެވޭނީ ކިހިނެއްތޯ ސުވާލުކުރައްވައިފަ އެވެ. އަދި އެ ކޯލް ކުރިކަން އެ ބޭފުޅުންނަށް ނޫނީ ނޭނގޭނެ ކަމަށް ވިދާޅުވެފައެވެ.

އެޕިސޯޑު ތަކަކަށް ލީކުކޮށްލި މި އޯޑިއޯތަކުގައި އަލީވަހީދު ކަމަށް ބެލެވޭ މީހަކު، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވެސް ވަނީ ފާޑު ވިދާޅުވެ އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭގޮތުން ވާހަކަ ދައްކައި އެކަމަނާއަށް ޖިންސީ ފުރައްސާރަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓްޓެއްގައި ވަނީ އެކަމަށް އިންކާރު ކުރައްވައި، އެއީ ސައްހަ ނޫން އޯޑިއޯތަކެއް ކަމަށާއި ތަހުގީގު ހިންގައިފި ނަމަ، އޭގެ ހަގީގަތް ސާފުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގައި ލީކުކޮށްލި އޯޑިއޯއާ ގުޅިގެން އަލީ ވަހީދުގެ މައްސަލަ ބަލައިދޭން ނަހުލާ ވަނީ އެކަން ރައީސް ސޯލިހު އަށް ހުށަހަޅުއްވައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *