ފެބްރުއަރީ 21 ވަނަ ދުވަހު އދ.އަތޮޅުގައި ފުލުހުން ގާއިމުވެފައިވާ ފަސްރަށެއްގައި ހުރި ހުރިހާ ގެސްޓްހައުސްތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިޕްރޮގްރާމުގައި އދ. މާމިގިލި، އދ. ދަނގެތި ، އދ. މަހިބަދޫ، އދ. ދިގުރަށް އަދި އދ. ފެންފުށީގައި ޚިދުމަތް ދެމުންދާ ގެސްޓްހައުސްތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމަކީ އދ.އަތޮޅުގެ ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ހިދުމަތް ދެމުން ދިއުމާއެކު، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮންމެހެން އެނގެންޖެހޭ ޤާނޫނު ތަކާއި ޤަވާއިދުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ފަތުރުވެރިންނަށް ކުރިމަތިވާ އެކި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމުގައި ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމާ ގުޅޭ މައުލޫމާތު ގެސްޓްހައުސް ހިންގާ އިސްފަރާތްތަކާ ފުލުހުންވަނީ ހިއްސާކޮށްފައެވެ.
މި ޕްރޮގްރާމުގައި އދ. އަތޮޅުގައި ހިދުމަތް ދެމުންދާ 30 ގެސްޓްހައުސްއަކަށް ޒިިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.