ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފް އެޓީމުން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން މި ތިން ގޯލު ކާމިޔާބުކޮށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި ބާސާގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކޮށްދީފައިވަނީ މެސީއެވެ. އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އާތަރ އެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި އެއިބާއާ ބައްދަލުކޮށް 5-0 އިންނެވެ. ބާސެލޯނާ މޮޅުވިއިރު، ރެއާލް މެޑްރިޑް ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. މި ނަތީޖާތަކާއެކު މީގެކުރިން ލީގުގެ އެއްވަނައިގައި އޮތް ރެއާލް މިހާރު އޮތީ 53 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އަދި 55 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި މިހާރު އޮތީ ބާސެލޯނާ އެވެ.
ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް ރޭ ބަލިވީ ލެވާންޓޭއާ ބައްދަލުކޮށް 1-0 އިންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ލެވާންޓޭ އަށް ކާމިޔާބުކޮށްދިނީ މޮރާލޭސްއެވެ. ލެވާންޓޭ އިން ގޯލު ކާމިޔާބު ކުރުމުގެ ކުރިން ރެއާލް އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓީމުގެ އެޑެން ހަޒާޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މި މެޗުން ރެއާލް ބަލިވިއިރު ހަޒާޑަށް ވަނީ އަނިޔާވެސް ވެފައިކަމަށާއި ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިން އިނގޭނީ އިތުރު ޓެސްޓުތަކަށްފަހު ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބުނެފައެވެ.