ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ މިއަހަރުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު މިޔަންމާއަށް ކުރެއްވި އިރު ސޮއިކުރެއްވި އިންފްރާސްޓްރަކްޗަރ ބިނާ ކުރުމާ ބެހޭ އައު އެއްބަސްވުންތަކުގައި ސޮއިކުރެއްވިއިރު، އޭނާގެ ހުވަފެންތަކަށް ކުރިމަތިވާނެ ހުރަސްތައް އަންދާސާއެއް ނުކުރެއްވުނެވެ. ރެއިލްވޭއާއި ޕޯޓްތަކާއި ހައިވޭ ހެދުމުގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ހުއްޓުމަކަށް ގެނަސްފައި ވަނީ ލޮލަށް ނުފެންނަ ވަރުގެ ހިމުން ކުޑަކުޑަ ޖަރާސީމެކެވެ. ކޮރޯނާ ވައިރަސް އެވެ!.
ޖަރާސީމު ފެތުރުން ހުއްޓުވުމަށް ގައުމުތަކުން އެޅި ފިޔަވަޅެއްގެ ގޮތުގައި ދަތުރުފަތުރުކުރުމަށް ހުރަސްތައް ކުރިމަތިވެފައި ވެއެވެ. 1800 މީހުންގެ ފުރާނަ ގެއްލުމަށް މެދުވެރިވި ޖަރާސީމު ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބިޔަ އިގްތިސާދު ހުއްޓުމަކަށް ގެނަސްފައެވެ. ޗައިނާއާ އެހެން ގައުމުތައް ގުޅުވާލުމަށް ރާވާފައިވާ ބެލްޓް އެންޑް ރޯޑް މަޝްރޫއުވަނީ ގިއްގަޅުވާލެވިފައެވެ.
ބެލްޓް އެންޑް ރޯޑްގެ މަސައްކަތުގައި އެކި ތަންތާނގައި މަސައްކަތް ކުރާ ޗައިނާ މީހުންނަށް ގައުމުން ބޭރެއް ނުވެވެއެވެ. ފެކްޓްރީތަކުން މުދާ ނުއުފައްދައެވެ. ކުރިން އުފައްދާފައި ހުރި މުދާ ގައުމުން ބޭރެއް ނުކުރެވެއެވެ. މިކަމުގެ ޝަކުވާ އެތައް ފެކްޓްރީއަކާ ކުންފުންޏަކުން ކުރަމުން ދެއެވެ. ބެލްޓް އެންޑް ރޯޑްގެ މަޝްރޫއަށް މުދަލާއި މެޝިނަރީއަކީ ޗައިނާއިން އެތެރެކުރާ ތަކެއްޗެވެ. މިހެން ވުމުގެ ސަބަބުން މި މަސައްކަތް ކުރިއަށް ގެންދިއުމަށާއި ވަގުތަށް ނިންމާލުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ.
އިންޑޮނޭޝިއާގައި ޗައިނާ ރެއިލްވޭ އިންޓަނޭޝަނަލްއިން ބިނާކުރާ 6 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ މަސައްކަތް އޮތީ ހަނގުރާމައިގެ ހާލަތެއްގައެވެ. ޗައިނާގެ އައު އަހަރު ފާހަގަ ކުރުމަށް މުވައްޒަފުން ޗައިނާއަށް ދިޔަ ގޮތަށް އެމީހުން އެނބުރި އައިސްފައެއް ނުވެއެވެ. ކޮރޯނާ ވައިރަސް ފެތުރިދާނެތީވެ އެކުލަވާލި ޓާސްކްފޯސްއިން ހުރިހައި މުވައްޒަފުންނަށް އަންގާފައިވަނީ، އެނބުރި އިންޑޮނޭޝިއާއަށް ނުދިނުމަށެވެ. ޖަކާޓާއާއި ބާންޑުންގ ގުޅުވައިދޭ މި ރެއިލްވޭގައި މަސައްކަތް ކުރާ ސަތޭކައެއްހައި އިންޖިނޭރުންނާއި މެނޭޖަރުންނަށް އަދިވެސް މަސައްކަތަކަށް ނުނިކުމެވެއެވެ. ކުރިންވެސް ފާޑުކިޔުންތައް ކުރިމަތިވެފައިވާ މި މަޝްރޫއަށް އިތުރު ހުތުރު ނަމެއް ލިބިގެން ގޮސްފައިވަނީ ކޮރޯނާއާ ހެދި 2020ގައި ދިމާވެފައިވާ ހުރަސްތަކުންނެވެ.
ޗައިނާއިންވެސް އިޢްލާން ކޮށްފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ބޭރު ގައުމުތަކުގައި ހިންގާ މަޝްރޫއުތަކަށާއި އިންވެސްޓްމެންޓްތަކަށް ހީނަރުކަމެއް އައިސްފައިވާ ކަމުގައެވެ. އަދި ޗައިނާގެ މަޝްރޫއުތައް މަޑުޖެހުމާއި މަސައްކަތަށް ދިމާވެފައިވާ ހުރަސްތައް ޗައިނާ ސަރުކާރުން ވަނީ އެ މަޝްރޫއުތައް ހިންގާ ގައުމުތަކުގެ ސަރުކާރުތަކާއި ކުންފުނިތަކާ ހިއްސާކޮށްފައެވެ. މިކަން އިޢްލާން ކޮށްފައިވަނީ އެސެޓްސް ސުޕަރވިޜަން އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޝަނުންނެވެ. އިންޑޮނޭޝިއާއިން ޗައިނާ ފްލައިޓްތައް ހުއްޓުވައި ޗައިނާއިން އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރަން ފެއްޓީ ފެބްރުއަރީ ތެރޭގައެވެ. ދުނިޔޭގެ 133 އަށްވުރެން ގިނަ ގައުމުން ވަނީ ޗައިނާ ރައްޔިތުންނާއި ޗައިނާއިން އަންނަ މީހުން ކަރަންޓީން ކުރުމަށް ނިންމާފައިކަމަށް ޗައިނާގެ ނޭޝަނަލް އިމިގްރޭޝަން އެޖެންސީން ބުނެއެވެ.
ޗައިނާއިން 62 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ މަސައްކަތް ބަލަހައްޓާ އޮފީހުން ބުނެފައިވަނީ ޕާކިސްތާންގައި މާބޮޑު އަސަރެއް ކޮރޯނާއިން ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޗައިނާއިން އެނބުރި އައި މެނޭޖަރުންތަކެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ކޮރޯނާއިން ޗައިނާގެ ބޭރުގެ މަޝްރޫޢުތަކަށް ދަތިތަކެއް މިހާރު ކުރިމަތިވެފައިވާ ފަދައިން 2018ގައި މެލޭޝިއާއި އިންޑޮނޭޝިއާއާއި ސްރީލަންކާގައި މި މަޝްރޫއުތަކުގެ އަގުތައް ބޮޑުކަމަށާއި ބޭކާރުކަމަށް ބުނެ، ޝަކުވާކޮށް ފާޑު ކިޔުން އަމާޒުކޮށްފައި ވެއެވެ. ބައެއް ގައުމުތަކުން މަޝްރޫއުތަކާމެދު އަލުން ވިސްނުމަށް ނުވަތަ ކެންސަލް ކުރުމަށް ވިސްނުމުން ޗައިނާއިން ވަނީ އެގައުމުން ކުރަން އުޅުނު ބައެއް މަސައްކަތްތައް ހުއްޓާލާފައެވެ. ހުރިހައި ގައުމެއްގެވެސް ޝަކުވާއަކަށްވެފައިވަނީ ގައުމީ ސިޔާދަތު ގެއްލުމާއި، ކޮރަޕްޝަނާއި ޗައިނާގެ ދަރަނީގެ މަޅީގައި ޖެހުމުގެ ބިރެވެ.
ޗައިނާއިން ކެމްބޯޑިއާގައި ހިންގަމުން ގެންދާ މަޝްރޫއުތަކުގެ އޮފީސްތައްވެސް ވަނީ ފަޅުވެފައެވެ. ކެމްބޯޑިއާ ސިހާނުކްވިލޭ ސްޕެޝިއަލް އިކޮނޮމިކް ޒޯންއަކީ ބެލްޓް އެންޑް ރޯޑްގެ މަޝްރޫޢުގައި ހިމެނޭ ވަރަށް މުހިންމު މަޝްރޫއެއްގެ ބައެކެވެ. މިއީ 160 ވިޔަފާރިއެއް އޭގައި ހިމެނޭ ވިހި ހާހެއްހައި މީހުން މަސައްކަތްކުރާ މަޝްރޫއެކެވެ. މިތާގައި ހިންގާ ހުރިހައި މަސައްކަތެއް ބަރޯސާކުރާނީ ޗައިނާގެ ވަސީލަތްތަކުގެ މައްޗަށެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން ލިބެންވާ ތަކެއްޗާއި ވަސީލަތްތައް ނުލިބުމުން މުދާ އުފައްދައި ނިންމަން ޖެހޭ ވަގުތަކަށް ނުނިންމެއެވެ. ނަތީޖާއެއްގެ ގޮތުން އުފެއްދުމުގެ އަގު ދަނީ މަތި ވަމުންނެނެވެ.
ކޮރޯނާ ވައިރަސްއާ އެކު ޗައިނާއާ ގުޅުން ހުރި ވިޔަފާރިތަކަށް މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި ކުރު މުއްދަތަކަށް އަސަރުތަކެއް ކުރިނަމަވެސް މުޅި ދުނިޔޭގެ އިގްތިސާދުގެ ދުވެއްޔަށް ދިގު މުއްދަތަކަށް މިއިން އަސަރު ކުރާނެއެވެ. ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ހިމެނޭ އެހެން ބައެއް ގައުމުތަކަށްވެސް މިހާރު ވަނީ މީގެ އަސަރު ކުރަން ފަށާފައެވެ.
ބަންގްލަދޭޝްގައި ޗައިނާއިން ހިންގާ އެތައް މަޝްރޫއެއް ވަޅުޖެހިފައިވާ ކަމަށް އެގައުމުން ބުނެއެވެ. އޭގެތެރޭގައި ޚާއްސަ ގޮތެއްގައި ކޯލާ ދެލިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ހިމެނެއެވެ. ޕައިރާ ކޯލް ޕަވަރ ޕްލާންޓްގެ އޮޕަރޭޝަން ފެބްރުއަރީ މަހު ފަށާނެކަމަށް ކުރިން އޮތީ އިޢްލާން ކޮށްފައެވެ.
މިތާގައި ވިއްސަކަށްހާސް ޗައިނާ މީހުން މަސައްކަތް ކުރެއެވެ. މިއިން ސާޅީސް އިންސައްތަ ވަނީ ޗައިނާ އައު އަހަރު ފާހަގަ ކުރުމަށް އާއިލާތަކާ ހަމައަށް ގޮސްފައެވެ. މީގެތެރޭން ކަރަންޓީން ފުރިހަމަކޮށްގެން އަދި ވަޒީފާއަށް ނިކުމެފައިވަނީ އެންމެ ވިއްސަކަށް މީހުންނެވެ.