ޔަމަންގައި ވެރިކަންކުރާ ޙޫޠީ ޖަމާއަތުން، ރަތްކަނޑުގައިވާ ސައުދީ ތެލުގެ މަރުކަޒުތަކަށް އިއްޔެ ހަމަލާތަކެއް ދީފިއެވެ. މިހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ރަތްކަނޑުގައިވާ ސައުދީ ތެލުގެ ބަނދަރެއް ކަމަށްވާ ޔަންބުޢު ގައިވާ ތެލުގެ މަރުކަޒުތަކަށާއި އެނޫންވެސް ތަންތަނަށް ބާރަ ޑްރޯން އާއި ތިން ރޮކެޓް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެކަމަށާ އެހަމަލާތައް އެތަންތަނަށް އަރާފައިވާ ކަމުގައި ހޫޠީންގެ ތަރުޖަމާން ޔަޙްޔާ ސާރިއާ ވަނީ ވިދާޅުވެފައެވެ.

ހޫޠީންގެ މިވާހަކަތަކަށް ސައުދީން ރައްދު ދީފައިނުވިނަމަވެސް، ސައުދީ ރަސްމީ ނޫސް އެޖެންސީން އިއްޔެވަނީ އެގައުމަށް އަމާޒުކޮށް ހޫޠީން ފޮނުވާލި ގިނަ މިސައިލްތަކަކަށް ހުރަސްއަޅައި އަމާޒަށް ވާސިލް ވުމުގެ ކުރިން އެތަކެތި ވައްޓާލިކަމަށް  ބުނެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައިވެސް ހޫޠީންވަނީ ސައޫދީގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ އިބްގީގްއާއި ޚުރައިސް ގައިވާ ސައޫދީ ތެލުގެ މުހިއްމު މަރުކަޒުތަކަކަށް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީ އެތަންތަން ހަލާކުކޮށްލާފައެވެ. އަދި އެހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ވީކަމުގައި ސައުދީންވެސް ވަނީ ބުނެފައެވެ. ރަތްކަނޑުގައިވާ ސަޢޫދީ ތެލުގެ މަރުކަޒުތަކަށް ހޫޠީން ހަމަލާ މިދިނީ ހޫޠީން ސައުދީ އަށް ޙަމަލާތައް ނުދޭތާ ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.