ޝިލްޕާ ޝެޓީ އަދި ރާޖްކުންދްރާއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ. މިކަން ހާމަކުރުމުމުގެ ގޮތުން ޝީލްޕާވަނީ އިންސްޓަގްރާމްގައި ޕޯސްޓެއްކޮށްފައެވެ. ދަރިފުޅުގެ އަތްތިލަ ފެންނަގޮތަށް ނަގާފައިވާ ފޮޓޯއަކާއި އެކު ކޮށްފައިވާ ޕޯސްޓުގައި ޝިލްޕާ ބުނީ، އެމީހުގެ ދުޢާ އިޖާބަކުރައްވާ، އެމީހުނަށް ލޯބިލޯބި އަންހެންކުއްޖަކު ލިބިފައިވާ ކަމަށެވެ. މިކުއްޖާ އުފަންވެފައިވަނީ ފެބްރުއަރީ 15 ގައެވެ.
މި ކުއްޖާއަށް ދީފައިވާ ނަމަކީ ސަމީޝާއެވެ. މިނަމަކީ ސަންސްކްރިތު އަދި ރަޝިއާ ބަސް އެއްކޮށްގެން ހަދާފައިވާނަމެކެވެ. މިއީ ޝިލްޕާ އަދި ރާޖަށް ލިބުނު ދެވަނަ ދަރިފުޅެވެ. ރާޖް އަދި ޝިލްޕާގެ ކައިވެނި 2009 ގައި ކުރެވި އެމީހުންގެ ފުރަތަމަ ދަރިފުޅު ވިއާން ލިބުނީ 2012 ވަނަ އަހަރުގެ މޭ މަހުއެވެ.
1993 ގައި ފިލްމު "ބާޒީގަރް" އިން ހިންދީ ފިލްމު އިންޑަސްޓްރީއަށް ނިކުތް ޝިލްޕާ ޝެޓީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ބާގްޔާޝްރީގެ ދަރިފުޅު އަބީމަނީއު ދަސާނީއާއިއެކު ފެނިގެންދާ "ނިކަންމާ"ހިމެނެއެވެ. މީގެ އިތުރުން ޕްރިޔާދަރްޝަންގެ ފިލްމު "ހަންގާމާ 2"ގައިވެސް ޝިލްޕާގެ މުހިއްމު ރޯލެއް ފެނިގެންދާނެއެވެ.
ޝިލްޕާއަކީ ޓީވީ ޝޯތަކުގައި ފަނޑިޔާރުކަން ކުރަމުން ޓީވީ އިން އަބަދު ފެންނަ ފަންނާނެއްކަމުން، ޝިލްޕާ ބަނޑުބޮޑުކޮށް ހުއްޓާ ނުފެނި ކުއްލިއަކަށް ކުއްޖަކު ލިބުނީ ކިހިނެތްބާއޭ، ކިޔުންތެރިންގެ ހިތަށް އަރާފާނެއެވެ. ޖަވާބަކީ މިއީ "ސަރޮގޭޓް" އެއް މެދުވެރިކޮށް ލިބުނު ކުއްޖެކެވެ.
ސަރޮގަސީއަކީ ދަރިމައިވުން ނުވަތަ ވިހެއުމުގައި އުނދަގޫތައް ކުރިމަތިވާ ފަރާތްތަކުގެ ދަރިން އެހެން މީހަކު ލައްވާ ވިއްސުމަށް ކިޔާ ނަމެކެވެ. ސަރޮގަސީގެ ދެ ވައްތަރެއްވެއެވެ. އެންމެ އިހުގެ ވައްތަރަކީ، ދަރިން ނުލިބޭ އަންހެނުންގެ ފިރިންގެ ދަރިފަނި، އެހެން އަންހެނެއްގެ ރަހިމަށް ލައްވައިގެން ވިއްސުމެވެ. މިހާލަތުގައި ދަރީގެ މަންމަ އަކީ ހަމަ "ސަރޮގޭޓް" މަންމައެވެ.
މިހާރު އެންމެ ގިނައިން މިކަން ކުރަނީ، އަނބިމީހާގެ ބިސް އަދި ފިރިމީހާގެ ދަރިފަނި ނަގައިގެން، އެ ބިސް ޣަރުބަގަތުމުން އެހެން އަންހެނެއްގެ ރަހިމަށް ލައިވައިގެންނެވެ. އޭރުން އެކުއްޖާގެ މަންމަ އަދި ބައްޕައަކީވެސް، ފަހުން އެކުއްޖާގެ ބެލެނިވެރިކަމާއި ހަވާލުވާ ދެމީހުންނެވެ. މިއީ ފިލްމު އަދި ފެޝަން އިންޑަސްޓްރީ ގެ އިތުރުން މުއްސަނދިންގެ މެދުގައި އެންމެ އާންމުކޮށް މިކަން ކުރާ ގޮތެވެ. ސަރޮގަސީއަކީ ޤާނޫނީ ހަމަތަކުގެ މަތިން ކުރެވޭކަމެކެވެ. ގިނަ ޙާލަތްތަކުގައި ސަރޮގޭޓް މަންމައަށް ބޮދެތި ޢަދަދުން ފައިސާ ހުށައެޅެއެވެ.