އިޓަލީގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިތުރުވެ، އެގައުމުގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އަވަށްތައް އެގައުމުގެ ސަރުކާރުން ބަންދުކޮށްފި އެވެ.
އިޓަލީގައި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ 79 އަށް އަރާ އޭގެ ސަބަބުން ދެ މީހަކު ވަނީމަރުވެފައެވެ.
އެގައުމުގައި މިވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނައީ އިޓަލީގެ އުތުރުގައި އޮންނަ ލޮމްބާޑީއާއި ވެނެޓޯ އަވަށުގައެވެ.
ވައިރަސް ހުރި 54 މީހަކު ލޮމްބާޑީ އިން ފެނިފައިވާއިރު 17 މީހަކު ވަނީ ވެނެޓޯގައި މިވައިރަސްއަށް ޕޮޒިޓިވްވެފައެވެ ވައިރަސް ޖެހިގެން މަރުވެފައިވަނީވެސް މިދެއަވަށުގައި ތިބިދެމީހުންނެވެ.
އިޓަލީގެ ބޮޑުވަޒީރު ޖުޒެއްޕޭ ކޮންޓޭ އިއްޔެ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުން އަމަލުކުރަން ފަށާ އެމާޖެންސީ ޕްލޭނުގެ ދަށުން، އެވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އަވަށްތަކަށް ދަތުރު ކުރުމާއި އެ އަވަށްތަކުން އެހެން ސަރަހައްދުތަކަށް މީހުން ދަތުރު ކުރުން މަނާ ކޮށް އެވަށްތަކުގެ އޮފީސްތަކާއި ސްކޫލުތަކާއި ވިޔަފާރި ކުރާ ތަންތަން ވަނީ ބަންދުކުރެވިފައެވެ. ކޮންޓޭ ވިދާޅުވެފައިވަނީ ކަރަންޓީނުގެ ހާލަތު، ހަފްތާތަކަކަށް ދެމިގެން ގޮސްދާނެ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާތަނަށް 78,773 މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 2,462 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޗައިނާއިން ބޭރުގެ 31 ގައުމަކާއި ސަރަހައްދުތަކުގައި ތިބި މީހުން ހިމެނެ އެވެ.