ހިންދީ، ކަންނާޑާ، މަރާޓީ، ތެލުގޫ އަދި ބޯޖުޕޫރީ ފިލްތަކުން ފެނިގެން ދިޔަ ބާގްޔާޝްރީގެ 51 ވަނަ އުފަންދުވަސް މިއަދު ފާހަގަ ކުރާއިރު، އޭނާގެ ފިޓްކަމުގެ ވާހަކަތައް ވަނީ އިންޑިޔާގެ ސުރުޚީތައް ޙިޞޯރުކޮށްފައެވެ. 1989 ގައި ފިލްމު "މައިނޭ ޕިޔާރު ކިޔާހޭ"އިން ދިވެހިންގެ ހިތްތައް ފަތަހަ ކުރި ބަޠަލާއަށް، އެ އަހަރު "ބެސްޓް ފީމޭލް ޑެބިއު"ގެ އެވޯޑް ލިބުނެވެ. އޭރުވެސް ހުރި ލޫޅާފަތިކަން މިހާރުވެސް އެބަހުއްޓެވެ. މޫނުގެ ތާޒާކަމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ލިބިފައިވާ މައުސޫމް ހިނިތުންވުމެވެ. ބާގްޔާޝްރީގެ ފިޓްކަމުގެ ސިއްރަކީ ގަވާއިދުން ކަސްރަތުކުރުމައި ޔޯގާކަމުގައި އޭނާ ހާމަކުރެއެވެ.
ބާގްޔާޝްރީ އަކީ މަހާރަޝްޓްރާގެ ޝާހީ އާއިލާއެއްގެ 3 އަންހެން ކުދިންގެ ތެރެއިން އެންމެ ދޮށީދަރިއެވެ. ބާގްޔާޝްރީ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ތަޢާރަފްވީ، އަމޯލް ޕާލެކަރް ދިން ފުރުސަތެއްގައި "ކައްޗީ ދޫޕް" އިންނެވެ. ދިވެހިންގެ ތެރޭގައި ބާގްޔާޝްރީ މަޝްހޫރުވެގެން ދިޔައީ، ސަލްމާން އާއި އެކު ފެނިގެން ދިޔަ "މައިނޭ ޕިޔާރު ކިޔާހޭ"އިންނެވެ.
ހިމަލަޔާ ދަސާނީ އާއި ކައިވެނިކޮށްގެން ބާގްޔާޝްރީ އަށް ދެކުދިން ލިބުނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ފިރިހެން ދަރި އަބީމަނިއު ދަސާނިއަށް ވަނީ، 2019 ވަނަ އަހަރު އޭނާ ކުޅުނު "މަރްދު ކޯ ދަރްދު ނެހީ ހޯތާ" އިން "ބެސްޓް މޭލް ޑެބިއު" އެވޯޑް ލިބިފައެވެ. ބާގްޔާޝްރީގެ ފިރިމީހާ ވަނީ ޖުވާގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައެވެ.