ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ސިޔާސީ ގޮތުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާއި ނަމަވެސް މާލޭގެ މޭޔަރުކަމަށް ވާދަ ކުރަން ނިންމެވި ނިންމެވުމުގެ މަތީގައި ދެމި ހުންނަވާނެކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޕީޕީއެމް އޮފީހަށް ވަޑައިގެން އެ ޕާޓީގެ އޮފީހުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ނޫމަޑިއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފަ އެވެ. މި ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ ދުވަސްކޮޅެއް ކުރިންނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުންނެވެ.

ފުލުހަށް ހާޒިރުވުމަށް މުއިއްޒުއަށް ޗިޓް ފޮނުވާފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން ނިންމަވާ ފޯމް ހުށައެޅުއްވިތާ 48 ގަޑިއިރުވެސް ނުވަނީހެވެ.

މުއިއްޒު ވިދާޅުވީ ޑިމޮކްރަސީ ނަގަހައްޓާ ދަމަހައްޓަން ވައުދުވެެގެން އައި ސަރުކާރުން މިއަދު ކުރަމުން ގެންދަނީ ހުދުމުހުތާރު އަމަލުތައް ކަމަށެވެ. އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށާ ކެންޑިޑޭޓުންގެ މަސައްކަތަށް ހުރަސްއެޅުން ބަލައިނުގަނެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނީ، މާތްﷲގެ ހަސްރަތުން ވާގި އެދިހުރެ، ތިޔަ ހުރިހާ ބޭފިުޅުންގެ ސަޕޯޓާއެކު އަދި މާލޭގެ ލޮބުވެތި ރައްޔިތުންގެ ސަޕޯޓާ ތާއީދު ލިބޭނެ ކަމަށް އުންމީދުކުރާ ހާލު، އަޅުގަނޑު މި މަސައްކަތުގައި، މި އިންތިހާބުގައި ވާދަކުރުމުގައި ސާބިތުކަމާއެކު ދެމި ހުންނާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މައްސަލައެއް ހުރި ނަމަ ބެލުމާމެދު މައްސަލައެއް ނެތް ކަމަށާ ނަމަވެސް ނޫމަޑީގެ މައްސަލާގައި އެމަނިކުފާނު ގޯހެއް ހަދާފައިނުވާނެ ކަމަށެވެ.

ލޯކަލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *