ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކުރިީގެ ދަތުރެއްގައި ޓިކެޓު ގަތުމަށް ހޭދަކުރި 444 ރުފިޔާގެ ކޮރަޕްޝަންގެ އަމަލަކީ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ފަދަ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށް ފަހު މާލެ އައި ދަތުރާ ގުޅިގެން އޭސީސީން ބެލި މައްސަލައަކާ ގުޅިގެން، އެ މަހާސިންތާ ނިންމާލުމަށްފަހު މާލެ އައުމުގެ ބަދަލުގައި، އެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަމެއްގައި ބައިވެރިވެވަޑައިގަތުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ނަޝީދު ދަތުރު ކުރައްވާފައި ވެއެވެ. އަދި އެކަމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުވި ކަމަށާއި އިތުރަށް ހަރަދުވި 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް އޭސީސީން ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ހައިލަމް ޓްވީޓަރގައި ހިއްސާކުރި ބަޔާނުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސިއިން ރައީސް ނަޝީދަށް އެންގެވުމުގެ މާނަ ވަރަށް ސާފު ކަމަށެވެ.
އޭސީސީއިން ރައީސް ނަޝީދު އެ ފައިސާ ދެއްކެވުމަށް އެންގެވި އެންގެވުމަކީ ވަރަށް ބޮޑު އެންގެވުމެއްކަން ފާހަގަކުރައްވާ އެ އެންގެވުން ބެލުމުން އިނގެނީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އޭސީސީއިން ތަހުގީގުކޮށް ސާބިތުވެއްޖެ ކަންކަމުގައި ހައިލަމްގެ ބަޔާނުގައި ވެއެވެ.
އެއްވެސް މީހަކު ކޮރަޕްޝަންގެ ކުށެއްކޮށްފިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ސާބިތުވެއްޖެ ހިނދެއްގައި، އެކުށުގެ މަދަނީ ގެއްލުން ފޫބެއްދުމަށް އޭސީސީން ކުރަންޖެހޭ އަމުރުތައް ކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭސީސީން ކުރަންޖެހޭ ދެވަނަ ކަމަކީ އެ މައްސަލައިގެ ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުން ކަމަށެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ކަމަށް އޭސީސިގެ ތަހުގީގަށް ސާބިތުވެ މައްސަލައިގެ ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ނުފޮނުވައިފި ނަމަ، އޭސީސީގެ މެންބަރުންނަށް އެކުރެވެނީ ގާނޫނުލްއުގޫބަތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެގެން އުޅޭ ފަދަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެއްޖެ ނަމަ 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އެހެން ވެއްޖެ ނަމަ މަޖިލީޙުގެ މެންބަރުކަމުގެ ޝަރުތުވެސް ގެއްލިގެން ދިއުން ނަތީޖާއަކަށް ވެގެންދާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. ކޮރަޕްޝަނަކީ އެންމެ ލާރިއަކުން ހިންގިއަސް ބޮޑު ކަމެއް ކަމަށާއި އެއް މިލިއަން ރުފިޔާގެ ހިޔާނާތް ވެވޭނީ 1 ރުފިޔާއަށް ހިޔާނަތްތެރިވުމަށް ފަހުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރެއްވި މައްސަލަ ބެލި އިރު ކްރިމިނަލް ކޯޓުގައި ފުރަތަމަ މައްސަލަ ބައްލަވަމުން ގެންދެވީ އޭރު އެ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހައިލަމްއެވެ.ނަމަވެސް އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި ސަސްޕެންޑުކޮށްފައެވެ.މިކަމާ ގުޅިގެން ހައިލަމް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.