ޕީޕީއެމްގެ ނައިބުރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ 20:00 އަށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. މުއިއްޒު ފުލުހަށް ހާޒިރުކުރަކީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
ނަމަވެސް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ދައުލަތުން ނޫމަޑިއަށް ބަދަލުގެ ގޮތުގައި 845 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ މައްސަލައިގައި މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާނާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.
މުއިއްޒު މީގެކުރިން ވިދާޅުވީ އެ މައްސަލަ ބަލަން އުޅެނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލާފާނެތީ ބިރުން ކަމަށެވެ. މުއިއްޒުގެ މޭޔަރުކަމުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.