ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯ ކްލިޕުތައް “ލީކު”ކުރަމުން އަންނަ ފަރާތްތަކަށް ރިޝްވަތު ގެ ގޮތުގައި 100،000 ޑޮލަރު ހުށަހަޅައިފިއެވެ. އެމީހުންނަށް ރިޝްވަތު ހުށަހަޅާފައި މިވަނީ ހަވަނަ އޯޑިއޯ ކްލިޕެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމާއި އިންތިޒާރު ކޮށްލުމަށް އެ އޯޑިއޯ ކްލިޕުތައް ސޯޝަލް މީޑިއާގައި ލީކް ކުރަމުން އަންނަ ޓްވީޓާ އެކައުންޓުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ލީކްސް އިން ބުނެފައިވަނީ އެންމެފުރަތަމަ އޯޑިއޯ ސޯޝަލްމީޑިއާގައި އާންމު ކުރެވުނު ވަގުތުން ފެށިގެން އިންޒާރުތައް ލިބެމުން އަންނަކަމަށާއި އެކަން ނުހުއްޓުމުން ރިޝްވަތުގެ ހުށައެޅުންތައް މިހާރު އެމީހުންނަށް ބަޔަކު ހުށައަޅާފައިވާ ކަމަށެއެވެ.
އަދި ލީކްސް އެމް ވީ އަށް ފޮނުވާފައިވާ މެސްޖްތަކެއްގެ ސްކްރީން ޝޮޓްހިމެނޭ ފޮޓޯތަކެއްވެސް ވަނީ އާންމުކޮށްފައެވެ. އެފޮޓޯއިން ފެންނަ މެސެޖުގައި އޯޑިއޯތަކުގެ އެޕިސޯޑު 6 ލީކުނުރުމަށާއި އިތުރު މަޝްވަރާ އަަށްދިއުމަށް ތައްޔާރަށް ތިބިކަމަށް ވަނީ ބުނެފައެވެ. އަދި އޯޑިއޯ ލީކުނުކުރާނެކަމަށްވަނީ ނަމަ 100،000 ޑޮލަރު ރާއްޖޭން ނުވަތަ ރާއްޖެއިންބޭރުން، ލީކްސްއެމް ވީ އިން ކަނޑައަޅާ މީހަކާ ހަވާލުކޮށްދޭނެކަމަށް ބުނެފައިވެއެވެ. މީގެއިތުރުން މިނިސްޓަރ އަލީވަހީދު އާގުޅޭ އެއްވެސް އޯޑިއޯއެއް ލީކު ނުކުރާކަމަށްވަނީނަމަ ކޮންމެ މަހަކުވެސް ފައިސާދޭނެކަމަށް މިމެސްޖުގައި ބުނެފައިވެއެވެ.
މިކަމަށްރައްދު ދެމުން ލީކްސްއެމްވީ އިން ބުނެފައިވަނީ އެމީހުންނެއް ފައިސާ އަކަށް ނުގަނެވޭނެކަމަށާއި، އެމީހުންނަކީ ސަރުކާރުގެ ތެރޭގައި ހިނގާ ގާނޫނާ ހިލާފުކަންކަން ފެނި އެކަންކަން އިސްލާހު ނުވުމުގެ ސަބަބުން އެކަންކަން ހުއްޓުވުމަށް ނިކުމެފައިވާ ބައެއްކަމަށެވެ. އެމީހުންނަކީ ވަކި ބަޔަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި އެމީހުންގެ މީހުން ހުރިހާތަނެއްގައި ވެސް ތިބޭނެކަމަށެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ތެރޭގައި ރިޝްވަތުގެ ހުތުރު އަމަލާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިނގާ ކަމަށްވާ ނަމަ އާއްމުންނަށް އެކަން ލީކްސް އެމްވީ އިން ތިލަ ކުރާނެ ކަމަށާއި މިކަމަށް ސަމާލުވުމަށާއި މިފަދަ ކަމެއް ހިނގާނަމަ ރިޕޯޓްކުރާނެކަމަށްވަނީ ބުނެފައެވެ.
ލީކްސްއެމްވީ އިން އާންމުކުރި އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސަދުﷲ އަބްދުﷲ އާ ދެމެދު ދެކެވުނު ވާހަކަތެއް ކަމަށް ބުނެ ސޯޝައަލް މީޑިއާގައި ދަނީ އޯޑިއޯތަކެއް ދައުރު ކުރަމުންނެވެ. އެ އޯޑިއޯތަކުގެ ކެބިނެޓްގެ މިނިސްޓަރުންނާއި، އެ މިނިސްޓްރީތަކުން ކުރަމުން ދާ މަސައްކަތަށް ފާޑު ކިޔާފައިވެ އެވެ. އަދި ޓްރާންސްޕޯރޓް މިނިސްޓަރ ނަހުލާ އަށް ބޭއަދަބީކޮށް މުޙާތަބް ކުރާ އޯޑިއޯއެއްވެސް ވަނީ ލީކުކޮށްލާފައެވެ. އެންމެ ފަހުން ލީކް ކޮށްލި އޯޑިއީ ކްލިޕުގައި އިސްލާމްދީނުގައި ކުރުމަށް ހަރާމް ކޮށްފައިވާ އެތައް ކަންތައްތަކެއް ކުރުމަށް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ ފަރާތުން ބުނެފައި ވެއެވެ.
އަލީ ވަހީދުގެ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ. އަދި ހުދު އަލީ ވަހީދުވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފައެވެ