ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމް "ފޭން" ގެ ޓްރެއިލަރގައި ދެއްކި ލަވަ "ޖަބްރަ ފޭން" ފިލުމުގައި ހިމަނާފައި ނުވާތީ، އެކަމާ ޝަކުވާކޮށް ޕެޓިޝަން ހުށައެޅި މީހަކަށް، ޔަޝްރާޖް ފިލްމްސް އިން ދިހަ ހާސް ރުޕީސް ދޭންޖެހިއްޖެއެވެ. މި ބަދަލު ދޭން ޔަޝްރާޖުގެ މައްޗަށް އަންގާފައިވަނީ، މަހާރަޝްޓްރާގެ އޮރަންގްއާބާދުގެ ސްކޫލު ޓީޗަރެއް ކަމަށްވާ އަފްރީން ފާތިމާ ޒައިދީއަށެވެ.
ފިލްމުގެ ޓްރެއިލަރ އިން ލަވަ ފެނުމުން އޭނާ ޓިކެޓް ގަނެގެން ގޮސް ފިލްމު ބެލިއިރު އެ ލަވަ ފިލްމުގައި ނެތުން އެއީ، "އޮޅުވާލުން، ކެހިދިނުން އަދި މަކަރު ހެދުން" ކަމުގައި އަފްރީން ދެކެއެވެ. އަދި މިއީ ވިޔަފާރި ކުރުމުގެ އާއްމު މިންގަނޑާއި ޚިލާފްކަމެއް ކަމަށްވުމުން މީގެ ބަދަލު ލިބެން ޖެހޭނެކަމަށް ޤަބޫލު ކުރެވޭތީ މި ޕެޓިޝަން ހުށައެޅީކަމަށް އަފްރީން ހާމަ ކުރިއެވެ. ޚިދުމަތްހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ހެދިފައި ހުރި ކޮމިޝަންއަށް މި މައްސަލަ ހުށައެޅުމުން، ފުރަތަމަ ޔަޝްރާޖުން ބުނީ ޓްރެއިލަރގައި ދެއްކި ނަމަވެސް ފިމްލުގައި މި ލަވަ ނުހިމެނޭކަމަށް އިންޓަރވިއު އެއްގައި ބުނެފައިވާނެކަމާއި، އެހެންވުމުން މި މައްސަލާގައި ބަދަލު ދޭން ނުޖެހޭނެކަމަށެވެ. ނަމަވެސް ކޮމިޝަންއިން ބުނީ، އެ އިންޓަރވިއު ހުރިހާ އެންމެން ބަލާފައިނުވާކަމާއި، ޓްރެއިލަރގައި ލަވަ ހިމެނުމަށްފަހު ފިލްމުގައި އެ ލަވަ ނެތުމުން އެކަމާ ޝަރުވާ ކުރި ފަރާތަށް ބަދަލު ދޭންޖެހޭނެކަމަށެވެ.
އާފްރީން މި ޝަކުވާ ހުށައެޅީ 2017 ގައެވެ.