ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް މާލޭގައި ކާނިވާ ސަރަހައްދުގަ އެމްޑީޕީއިން ބޭއްވި "ރަށްވެހި ފަތިސް " ޖަލްސާއަށް ސަޕޯޓަރުންގެ ތަރުހީބެއް ނުލިބި ގިނަ ގޮނޑިތައްހުސްކޮށް ހުރެ ، ފިނިތަރުހީބެއް ޖަލްސާއަށް ލިބުނުކަން ބަލައިގަންނަކަމަށާއި، އެގޮތަށް އެކަން ދިމާވީ މީހުންގެ އުންމީދުތަކުގައި ކުލަ ޖައްސައި ނުދެވުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި، ނަޝީދު ކުއްލި ގޮތަކަށް މިއަދު ބޭއްވެވި ނިއުސް ބްރީފިންއެއްގައި ވިދާޅުވީ، މާލޭގައި އެމްޑީޕީގެ 35،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިބި އިރު، އެ އެންމެން ޖަލްސާ އަށް ނުނިކުތީ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 7،000 މީހުންގެ ނަމަށް ވާނެ ގޮތް ސާފުނުވުމާއި ވެށިފަހި މަޝްރޫއު އާއި މާލޭގެ މަގުތަކުގެ މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދިވެސް ހައްލެއް ހޯދައި ނުދެވުމެވެ.
ނަޝީދު ވިދާޅުވަނީ މާލޭގެ ރައްޔިތުންގެ އުއްމީދުތަކާއި މި ސަރުކާރާއި ވަރަށް ބޮޑަށް ގުޅިފައިވާކަށެވެ. ނަމަވެސް ރައްޔިތުންގެ މި އުއްމީދުތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލް ނުކޮށްދެވޭ ކަމަށް ހުދު އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާއުވުއެވެ.
’”އަޅުގަނޑު ދެކޭގޮތުގައި މާލޭގައި މިއަދު ޝަކުވާތައް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މާލޭ ރައްޔިތުންނަށް ވަރަށް ސާފުވާނެ އެ ޝަކުވާ ބަންނަން ހަމަ އަންނާން ވީވެސް އަޅުގަނޑުމެން ކައިރިއަށް ކަން. އަޅުގަނޑުމެންކަން އެ ޝަކުވާއަށް ހައްލެއް ހޯދައިދޭނީ ވެސް،” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި 25،000 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރާއިރު، ކޮންމެ އިންތިޚާބެއްގައި ވެސް އެ މުވައްޒަފުން ވޯޓުދޭ 70 ޕަސެންޓް ފޮށިން ކުރި ހޯދަނީ އެމްޑީޕީންނެވެ. އެހެންވެ، މި ފަހަރު ވެސް، އެ މުވައްޒަފުން އެމްޑީޕީއާ މެދު ޝައްކު އުފައްދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް، މީގެ ކުރިން، ސުޕްރީމު ކޯޓުން ބޭނުން އިރަކު އުވައިލި އެވެ. އެހެންވެ، މިނިމަމް ވޭޖާއި ސާވިސް ޗާޖުގެ ކުރިން އެންމެ އިސްކަމެއް ދޭން ޖެހުނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު މެމްބަރުން ޕާޓީ ދޫކޮށްފައި ދާނެ ކަމަކަށް. އަޅުގަނޑު ވެސް ނުދަމެއް ނޫންތޯ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ބުނަމުން ދަނީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ވި ވައުދުތައް އަދިވެސް ސަރުކާރަށް ފުރިހަމަ ކޮށްނުދެވޭ ކަމަށާއި ޚާއްސަކޮށް އެ ޕާޓީ އަށް ބޮޑެތި ގުރުބާނީތަކެއް ވި މީހުން އެކަހެރި ކޮށްފައިވާ ކަމަށެވެ.