ޒުވާން ދަތުރުވެރިންނަށް އަމާޒުކޮށްގެން ދުނިޔޭގެ މައްޝޫރު ބިލިއަނަރު ރިޗަރޑް ބްރެންސަން ގެ ފުރުތަމަ ކްރޫޒް ލައިނަރ ލޯންޗްކޮށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
"ސަކާލެޓް ލޭޑީ" ގެ ނަމުގައި ހަދާފައިވާ މިކްރޫޒް ޝިޕް ގައި ޓެޓޫ ޖެހުމާއި، ޔޯގާ އަދި ޑީޖޭވެސް އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ. މިއީ 18 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކްރޫޒްޝިޕެކެވެ.
ވަރޖިން ގްރޫޕްގެ ވެރިޔާ ރިޗަރޑް ވިދާޅުވިގޮތުގައި، އޭނާގެ އުމުރުން 20 އަަހަރުން ފެށިގެން އަމިއްލަ ކްރޫޒްލައިނަރއެއް އޮތުމުގެ ހުވަފެން ދެކެފައިވާކަމަށާއި މިއަދު އެހުވަފެން ހަޤީގަތަކަށްވުމުން ވަރަށް އުފާވާކަމަށެވެ.
"ސްކާލެޓް ލޭޑީ" އުފައްދާފައިވަނީ އިޓަލީގެ ފިންކަންޓިއެރީ ޝިޕްޔާޑުގައެވެ. މިކްރޫޒްޝިޕްގައި 2770 މީހުންނާއި 1160 ކްރޫގެ ޖާގަހުރެއެވެ. މިކްރޫޒްލައިނަރ ގެ ފުރަތަމަ ދަތުރު އޭޕްރީލްމަހު ކެރީބިއަންއަށް ފެށުމަށްވަނީ ހަމަޖެހިފައެވެ.
ވަރޖިން ވޮޔޭޖަރސް އިން މައުލޫމާތު ދޭގޮތުގައި މިބޯޓުގައި ބޭނުންކުރެވިފައިވަނީ ކްލައިމިއޮން ޓެކްނޮލޮޖީއެވެ. އެއީ ބޯޓުގައި އުފައްދާ ހަކަތައިން އުފެދޭ ހޫނުން ކަރަންޓު އުފައްދާދޭ ޓެކްނޮލޮޖީއެކެވެ. އެހެންކަމުން ބޯޓަށް ތެޔޮބޭނުންވާ މިންވަރު މަދުކޮށްދެއެވެ. މިއީ މި ޓެކްނޮލޮޖީ ބޭނުންކުރާ ފުރަތަމަ ކްރޫޒްލައިނަރ ކަމުގައި ވަނީ ބުނެފައެވެ.
މީގެކުރިން ކްރޫޒްލައިނަރ ތަކަުގައި ދަތުރުކުރުމަށް ބޮޑަށް ތަރުހީބުލިބެނީ ދޮށީއުމުރު ފަުރައިގެ މީހުންފަރާތުންކަމުގައިވިޔަސް، ބްރެންސަން ގެ ކްރޫޒްލައިނަރ އަމާޒުކޮށްފައިވަނީ ޒުވާނުންނަށެވެ.
މިކްރޫޒްލައިނަރގެ ހިދުމަތްފަށާފައި މިވަނީ ކޮރޯނާވައިރަސްގެ ސަބަބުން ކްރޫޒްލައިނަރ އިންޑަސްޓްރީއަށް ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ބިލިއަނަރ ރިޗަރޑް ބްރެންސަންގެ ކްރޫޒްލައިނަރގެ އިތުރުން ވަރޖިން އެއަރލައިންގެ ނަމުގައި އޮޕަރޭޓްކުރާ އެއަރލައިނެއްވެސްއޮވެއެވެ. އަދި އޭނާއަކީ ރައީސް ނަޝީދުގެ ދުވަސްވީ ގާތް އެކުވެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.