ރާއްޖޭގެ މަޝްހޫރު ޑިޒައިނަރ ރަޒީނާ ތައުފީޤް (ރަޒީ) ގެ "ޑިޒައިނަރ ރަޒީ" ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭގޮތަށް އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.
މިފިހާރަ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްފާޟިލާ މާރިޔާ އަހްމަދު ދީދީއެވެ.
ޖަޒީރާނިއުސް އަށް މައުލޫމާތު ދެއްވަމުން ރަޒީ ވިދާޅުވީ މިޝޯރޫމަކީ ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
މިފިހާރައިގެ ގްރައުންޑް ފްލޯގައި ފޮތިފިހާރަ އަދި މަތީގައި ފަހާތަނެއް ހިމެނެއެވެ. ޒަމާނީގޮތަށް ތައްޔާރުކުރެވިފައިވާ މިފިހާރައިން ހެދުންފަހަން ބޭނުންވާ ފޮއްޗާއި އެހެނިހެން ސާމާނުވެސް ލިބެން ހުންނާނެއެވެ. މީގެއިތުރުން އޯޑަރު ދެއްވުމުން ބޭނުންވާ ވައްތަރެއްގެ ފޮތި ގެނެސްގެން ހެދުން ފަހައިދިނުމުގެ ހިދުމަތްވެސް ލިބިގެންދާނެއެވެ.
"ޑިޒައިނަރ ރަޒީ" ފިހާރައިން ވަނީ ވެޑިން ޕާޓީތަކަށް އަދި ކުޑަކުދިންގެ ޕާޓީތަކަށް ހާއްސަ ޕެކޭޖުތަކެއްވެސް ތައްޔާރު ކުރެވިފައެވެ. މިޕެކޭޖުގައި ހިމެނޭ ހިދުމަތްތަކުގެ ތެރޭގައި ވެޑިންޑްރެސް ފަހައިދިނުމާ ފިރިހެން ބޭފުޅުންގެ ސޫޓް ފަހައިިދިނުން ހިމެނެއެވެ. ވެޑިން ޑްރެސްއާ ގުޅޭގޮތަށް ބޫޓާއި ފައިވާންވެސް ތައްޔާރު ކުރެވޭނެކަމަށް ރަޒީ ވަނީ ވިދާޅުވެފައިއެވެ..
މީގެއިތުރުން މޭކަޕް ކޮށްދިނުމާއި، ފޮޓޯ އަދި ވީޑިއޯގްރަފީގެ ހިދުމަތާއި، ވެޑިންގ ޕާރޓީ ތަކާއި ކުޑަކުދިންގެ ޕާޓީ ތަކުގެ ބެކްޑްރޮޕް ތަައްޔާރު ކޮށްދިނުމުގެ ހިދުމަތްވެސް ލިބޭނެކަމުގައި ރަޒީ ވިދާޅުވިއެވެ.
މިފިހާރައިން އޮފީސް ހެދުންތަކުގެ "ރެޑީ ޓު ވެއަރ" ކަލެކްޝަނެއް ލިބެން ހުންނާނެ ކަމަށާއި، ޕާޓީތަކާއި ހާއްސަ ހަފްލާތަކާއި އަދި ކުޑަކުދިންގެ ހެދުންވެސް ބައްލަވައިގަތުމަށް ލިބެން ހުންނާނެއެވެ.
ޖަޒީރާނިއުސް އަށް މައުލޫމާތު ދެއްވަމުން ރަޒީ ވިދާޅުވީ މިމައްސަކަތަކީ ރަޒީގެ ފިރިމީހާއާއި އާއިލާގެ އެއްބާރުލުމާއެކު ފުޅާކޮށްފައިވާ އާއިލީ ވިޔަފާރިއެއްކަމަށެވެ.
'ޑިޒައިނަރ ރަޒީ" ގެފަރާތުން މޭކަޕްތައް ކޮށްދެއްވާނީ މަޝްހޫރު މޭކަޕް އާޓިސްޓު، މޭކަޕް ހަސަންގެ އިތުރުން ހުޒޭމާ ތަޢުފީޤްއެވެ. ފޮޓޯ އަދި ވީޑިއޯގްރަފީއާ ހަވާލްވެ ހުންނަވާނީ އަސަދުއްﷲ ތަޢުފީޤްއެވެ. ބެކްޑްރޮޕް، ލައިޓިންގ އަދި ޑެކޯރ ތައްޔާރުކުރެއްވުމުގެ މަސައްކަތުގައި އުޅުއްވަނީ މުހައްމަދު ތަޢުފީޤް ގެ އިތުރުން ފަތުހުއްﷲ ތައުފީޤްއެވެ. އަދި އެކައުންޓްސް ބެލެހެއްޓުމާއި ހަވާލުވެ ހުންނަވާނީ ނުޒުފާ ތަޢުފީޤްއެވެ. މޭކަޕް ހަސަން ފިޔަވާ ދެންމަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކީ ރަޒީގެ އާއިލާ ބޭފުޅުން ކަން ފާހަގަކޮށްލަމެވެ.
ރަޒީއަކީ ރާއްޖޭގެ ގިނަ ފިލްމީތަރިންގެ މަޤްބޫލްކަން ލިބިފައިވާ، އަދި ގިނަފިލްމުތަކަކަށް ކޮސްޓިއުމް ތައްޔާރުކޮށްދެއްވާފައިވާ ކުޅަދާނަ ފެހުންތެރިއެކެވެ.