ދަ ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި އެގައުމުގެ ސަރުކާރުގެ އިސް ހަތަރު އޮފިޝަލެއްގެ މައްސަލަ ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރުއެސްއެފް) އިން ޖަރުމަނުގެ ކޯޓަކަށް ހުށަހަޅައިފިއެވެ.
މިއީ ޚާޝުގްޖީގެ މަރަކީ މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ހިންގާފައިވާ އަމަލެއް ކަމަށް އެމެރިކާގެ ސަރުކާރުން އާއްމުކުރި އިންޓެލިޖެންސް ރިޕޯޓަކުން ހާމަވިތާ ހަތަރު ދުވަސް ނުވަނީސް ހުށަހެޅި މައްސަލައެކެވެ. މިއީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާއެއްކަމަށް ބުނެ އާރުއެސްއެފްއިން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލާގައި ވަނީ ޚާޝުގްޖީގެ އިތުރުން ވެސް އެހެނިހެން ނޫސްވެރިންނަށް ވެސް ސައުދީގެ ސަރުކާރު އިސްވެ އޮވެ މަރުގެ ހަމަލާ ދީފައިވާ ކަމަށެވެ. އަދި މިފަދަ ހުރިހާ މައްސަލައެއް ބައިނަލްއަގްވާމީ ގާނޫނުތަކާއި އެއްގޮތަށް ތަހުގީގު ކޮށްދިނުމަށް ވަނީ އެދިފައެވެ. އާރުއެސްއެފްއިން ވަނީ ނޫސްވެރިންނަށް ހަމަލާދީ އެމީހުންގެ އަޑު ކަނޑުވާލުމަށް ސައުދީގެ ސަރުކާރުން އަމަލުކުރާ ގޮތްތަކާއި ގުޅޭ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި މި ހެކިތައް ވަނީ މައްސަލައާއެކު ޖަރުމަނުގެ ފެޑެރަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައެވެ.
ޚާޝުގްޖީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންނަނިކޮށް، 2018 ވަނަ އަހަރުއެވެ. އޭނާގެ ހަށިގަނޑުގެ އެއްވެސް ބަޔެއް ހޯދޭ ގޮތް ވެފައެއް ނުވެއެވެ.
އެމެރިކާއިން ނެރުނު އިންޓެލިޖެންސް ރިޕޯޓް ބަލައިގަނެވެން ނެތް ކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ބުނެފައެވެ. މި ރިޕޯޓް ތައްޔާރުކުރީ އެމެރިކާގެ ޑިރެކްޓަރ އޮފް އިންޓެލިޖެންސްގެ އޮފީހުންނެވެ. މި ރިޕޯޓްގައި ވަނީ ތުރުކީގެ އިސްތަންބޫލުގައި ހުރި ޖަމާލް ޚާޝުގްޖީ މަރާލުމަށް ނުވަތަ ހައްޔަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔުމަށް އޯޑަރު ދެއްވީ މުހައްމަދު ބިން ސަލްމާން ކަމަށެވެ.