ވަގަށް ނެގި ބައެއް ކުދިން ސަރުކާރުގެ އިދާރާއަކަށް ގެނެސްފައި

ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގެ ސްކޫލަކުން ވަގަށް ނެގި 279 އަންހެން ދަރިވަރުން މިނިވަންކޮށްފި ކަމަށް އެގައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ހަތިޔާރު އެޅި ބަޔަކު މި ކުދިން ވަގަށް ނެގީ އެގައުމުގެ ޒަމަފަރާ ސްޓޭޓްގައި ހުންނަ ބޯޑިން ސްކޫލަކަށް ގަދަކަމުން ވަދެގަނެއެވެ. އަދި އެއަށްފަހު ކުދިން ފޮރުވުމަށް ވަނީ ޖަންގައްޔަކަށް ގެންގޮސްފައެވެ. ފައިސާ ހޯދުމުގެ ނިޔަތުގައި މިފަދަ ގިނަ ހާދިސާތަކެއް އެގައުމުގެ އުތުރުގެ ސްޓޭޓްތަކުގައި ހިނގައެވެ.

ޒަމަފަރާ ސްޓޭޓްގެ ގަވަރުނަރު ބެލޯ މަޓަވައްލޭ ވަނީ އެ ކުދިން މިނިވަން ކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އަދި ގިނަ ގޮންޖެހުންތަކެއް ހުރަސް ކުރުމަށްފަހު ސަލާމަތުގެ އައްސޭރިއަށް ކުދިން ގެނައުމަކީ ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މި ހާދިސާ ހިނގިއިރު ފުލުހުން އޭރު ބުނީ ވަގަށް ނަގާފައިވަނީ 317 ކުދިން ކަމަށެވެ. މި އަދަދަށް ބަދަލު އައިސްފައިވަނީ ވަގަށް ނަގައިގެން ގެންދަނިކޮށް ބައެއް ކުދިން ފިލާފައިވާތީ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ޒަމަފަރާ ސްޓޭޓަކީ މިފަދަ ގިނަ ހާދިސާތަކެއް މީގެކުރިން ވެސް ހިނގާފައިވާ ސްޓޭޓެކެވެ. އަދި މިއީ ނައިޖީރިއާގެ އުތުރުގައި ހަފްތާއެއްގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވެސް ބޯޑިން ސްކޫލަކަށް ވަދެގަނެ ހަތިޔާރު އެޅި ބަޔަކު ވަނީ 42 މީހުން ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި 27 ދަރިވަރަކު ހިމެނެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް 300 ދަރިވަރަކު ސްކޫލަކުން ވަގަށް ނަގާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.