އައްޑޫ ސިޓީއަށް ވައުދުވެ އެ ވައުދުތައް ފުއްދާނީ ވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް އެ ޕާޓީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެމުންނެވެ.
އައްޑޫއަށް ވީކަމެއް ވެފައޮތީ އެމް.ޑީ.ޕީ އިން ކޮއްދިންކަމެއް.އަދި އައްޑޫއަށްވައުދުވެ އެ ފުއްދާނީވެސް އެމް.ޑީ.ޕީ އިން. މަނިކުފާނުގެ ފިކިރުން ރާއްޖޭގެވެރިކަމުގައި 07އަހަރު ވީއިރު އައްޑޫގައިހަދައި ނިއްމި އެއްމެ މަގެއްގެ ނަންވިދާޅުވެއްޖެނަމަ އަޅުގަޑު މިސިޔާސީ މަސައްކަތްހުއްޓާލާނަން. https://t.co/lPqCgOhmwE
— Ali Nizar (@DhekunuNizar) February 28, 2021
ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ނިޒާރު ވިދާޅުވީ އައްޑޫއަށް ވިކަމެއް ވެފައި އޮތީ އެމްޑީޕީއިން ކޮށްދިން ކަމެއް ކަމަށެވެ. އަދި އައްޑޫއަށް ވައުދު ވާނީ ވެސް އަދި ވައުދުތައް ފުއްދާނީ ވެސް އެމްޑީޕީއިން ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވަނީ ޖަމީލްގެ ފިކުރުން ރާއްޖޭގެ ވެރިކަން ހަތް އަހަރު ކުރެވުނުއިރު އައްޑޫގައި ހަދައި ނިމުނު އެއް މަގުގެ ނަން ވެސް ޖަމީލް ވިދާޅުވެއްޖެނަމަ ސިޔާސީ މަސައްކަތް ހުއްޓާލައްވާނެ ކަމަށް ވިދާޅުވެ ޖަމީލަށް ގޮންޖައްސަވާފައެވެ.
ނިޒާރު މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސޮއިކުރެވިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40
ކިލޯމީޓަރުގެ މަގުގައި ތާރު އަޅަން ވަނީ ހަމަޖެހިފައެވެ. އަދި ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.