މިއީއަލަކަށް ރާއްޖޭގައި ހިނގާކަމެއް ނޫނެވެ. ނުވަތަ ދުނިޔޭގައިވެސް އަލަށް ހިނގާ ކަންތައްތަކެއް ނޫނެވެ.ގޯސްކަމެއް ނުވަތަ ނޭދެވޭ އަމަލެއް މުޖުތަމައުގައި ހިނގުމުން އެކަން ކުއްވެރިކުރާ އަޑުން މުޅި ޖައްވު ގުގުމާލައެވެ. ސޯޝަލް މީޑިއާގައާއި ، ކޮފީމެޒުތަކާ ސައިހޮޓާތަކާ ، މަގުމަގުގެ ކަންކަންމަތީގައި އެކަމެއްކުއްވެރިކޮށް ލަވާ ހަޅެކާ ، ކުރާ ބަހުސްތަކު ގެ އަޑު ކެނޑިގެން ނުދެއެވެ.

ވައްކަމާއި ،ފޭރުމާއު، ކޮރަޕްޝަނާއި، މީހުންމެރުމާއި ، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ، މުޖުތަމައުގައި ހިނގާމިފަދަ ހުރިހާ ނޭދެވޭ އަމަލުތައް ހިނގައިގެން އުޅޭވަގުތު އެކަމެއް "ހަރުކަށިއިބާރާތުން" ކުއްވެރިކޮށްލުމުން ނިމުނީތޯއެވެ؟ ކަރުދާހުގައި ބޮޑުއަކުރުން "ހުއްޓާ" ޖަހައިގެން ނިކުމެ މަގުމަތީ ދެތިން ދުވަހު މަޑުކޮށްލުމަސްފަހު ، ސޯޝަލްމީޑިއާގައި ރީތި ސެލްފީ ކޮޅެއް ނަގާފަ ރައްޓެހިންނާއި ޝެއަރކޮށްލުމުން ނިމުނީތޯއެވެ؟ ކުށްކުރިމީހާ ހައްޔަރުކޯށްގެން ގެންގޮސް މުއްދަތު ޖެހުމަށްފަހު، ޝަރުއީމަރުހަލާ ދިގުދެންމުމަށްފަހު ބެހެއްޓުނީމަ ނިމުނީތޯއެވެ؟ 

ސޯޝަލް މީޑިއާގައި ލީކު ކޮށްލެވުނު ސަރުކާރުގެ ވަޒީރެއްގެ އޯޑިއޯ ތަކާމެދު އެކިމީހުން އިސްތިއުފާއަށްގޮވާ، ސޯޝަލްމީޑިއާގައި އެކަން ތަޙްގީގު ކުރުމަށް ގޮވާލަމުން ދިޔައެވެ. ހުދު އެކަމުގެ ތުހުމަތު ލިބުނު ވަޒީރުވެސް އެކަން ތަޙްގީގު ކުރުމަށް ގޮވާލިއެވެ. ނަމަވެސް ދެރަތަންކޮޅަކީ އެކަމުގެ އަޑުވެސް ފަނޑުވެގެން ގޮސް ރައްޔިތުންނަށް އެކަމުގެ ހަޤީގަތަކީ ކޮބައިކަން އޮޅުމެވެ. އެއީ އަސްލު އޯޑިއޯއެއްކަމެއް ، ނުވަތަ ހަދާފައިވާ އޯޑިއޯ އެެއްކަމެއް އޮޅުންފިލާގޮތެއް އަދިއެއް ނުވެއެވެ. އެއީ އަސްލުނަމަ އެކަމުގެ ތުހުމަތުލިބޭ މީހާއަކީ ކޮންމެ މަޤާމެއްގައި ހުރި ކޮންމެ މީހަކުކަމުގައި ވިޔަސް އެކަމަށް އޭނާއަށް އަދަބުލިބެންޖެހެއެވެ. އަދި އެއީ ބައަކު ހަދައިގެން ދަރުރުކުރާ އޯޑިއޯތަކެއްނަމަ އެކަމުގެ ފަހަތުގައި ތިބިބަޔަކު ހޯދާ އެބައޔަކަށް ހައްޤުއަދަބު ލިބެންޖެހެއެވެ. އެއީ މިފަދަ އަމަލެއް ދެވަނަ ފަހަރަށް މުޖުތަމައުގައި ހިނގާފާނެތީ އެކަން ހުއްޓުވުމަސް އެޅޭ ބާރެކެވެ.

މީހުންމެރުމާއި ކުޑަކުދިންގެ މައްސަލަތައްވެސް އޮތީ މިފަދަ ގޮތަކަށެވެ.މަންމައެއްގެ އަނިޔާވެރިކަމުގެ ސަބަބުން މިދުނިޔެދޫކޮށް ދިޔަ ތުއްތުއިބްތިހާލް އަށް މިއަދާހަމައަށްވެސް އިންސާފެއްނުލިބެއެވެ. އިބްތިހާލްގެ ހަނދާނުގައި ޤުރުއާން މުބާރާތްވެސް ބޭއްވިޖެއެވެ، އިބްތިހާލްގެ ނަމުން ނަންދެވިފައިވާ ސްކޫލެއްވެސް އެބަހުއްޓެވެ. އިބްތިހާލަށް އަނިޔާވެރިވީގޮތުގެ އެކިވާހަކަތައްއެކި މީހުންގެ ދުލުން އެކިފަހަރުމަތިން ކިޔައިދީ، މީހުންގެ ލޯތަކުން އެތައްފަހަރަކު ކަރުން ހިލުވާލިއެވެ. ނަމަވެސް އެފަކީރަށް މިއަދާ ހަމައަށް ވެސް އިންސާފެއްލިބިފައެއްނުވެއެވެ.

ތުއްތުކުއްޖަކަށް އެކުއްޖާގެ ބައްޕައާއި ކާފަ އަދި މުނިކާފަގެ ފަރާތުން ލިބުނު އަނީޔާ އާ ދެކޮޅަށް މަގުތަކުގައި ދެތިން ދުވަސް ވަންދެން ބޯޑުތައް ހިފައިގެން އެއްބަޔަކު ހަރަކާތް ތެރިވިއެވެ. އަނެއްބަޔަކު މަގުތަކަށް އެއްވެ ، އެކުއްޖާއަށް އަނިޔާދިން އެކުއްޖާގެ ބަައްޕަ ހައްޔަރު ކުރަން ފުލުހުން ދިޔަވަގުތު އެތަނަށް ޖަމާވެ އަޑުގަދަ ކުރަމުން ދިޔައެވެ. އިއްޔެ އަޑުއިވިގެންދިޔައީ ބަނދުގައިހުރި، ކުއްޖާގެ ބައްޕަ މިނިވަންޚަބަރެވެ. އަނެއްކާވެސް އިތުރު ކުއްޖަކު އިންސާފުނުލިބި ދާން ދޫކޮށްލަންވީތޯއެވެ. 

މިނޫން ޙަރުދަނާ އުސޫލުތަކެއް އެންމެންގެ އެއްބާރުލުމާއެކު އެކުލަވާލަންވެއްޖެއެވެ. ތަފާތު ޤާނޫނާއި ހުކުމްތައް ކަނޑައެޅިދާނެއެވެ. މިހަކާށް ނުވަތަ ތުއްތުކުއްޖަކަސް އަނިޔާލިބުމުން އެކަމަކަށް އިންސާފުލިބެންދެން  ވަރުބަލިކަމެއްނެތި މުޖުތަމައުއިން މަސައްކަތް ކުރެވޭތޯވެސް ބަލަންވެއްޖެއެވެ. ސައިބޯނި ބޮކި ޖައްވަށްއަރައިގެން ދާއިރު ވަރަށް ރީތި ކުލަވަރުތަކެއް ދައްކާލައެވެ. އެކަމަކު މާގިނައިރެއްނުވެ ފަޅައިގެންދެއެވެ. އަޅުގަނޑުމެން އިސްލާހުގެމަގަށް ގޮވާލާ ގޮވުންތަކާ، ކުރާކަންކަމަކީ މިފަދަ ސައިބޯނިބޮތްކަށްކަށްވިޔަ ނުދެއްވަމާތޯއެވެ. ކުރާ ކޮންމެ ކަމެއްވެސް ކޮޅަކުން ކޮރެއް ކޮޅެއްގައި ޖެއްސެންދެން އެންމެގެ އެއްބާރުލުމާއެކު މަސައްކަތް ކުރައަވާކަން ނުވޭތޯއެވެ؟  

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *