އަންނަ މަހުގެ 10 ވަނަ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް މިއަދުން ފެށިގެން ފޯމު ހުށައެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީން އެކަން އާއްމުކޮށް ނެރެނު ބަޔާނެއްގައި ބުނީ ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ފުރުސަތު މި މަހުގެ 11 އިގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މީގެ ކުރިން އިންތިހާބު ބާއްވަން އޮތް ތާރީހުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަަށް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.
ނަމަވެސް ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާގެ ކުއަލަލަންޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި
އެމީހެއްގެ ވޯޓުލާތަނުގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނުގައި ކަަމަށް އިސީން ބުންޏެވެ.
އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ އެވެ. ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ކޮމިޝަނުގެ ވެބްސައިޓް އިން ޗެކްކުރެވޭނެއެވެ.
VR space id number, send it to 1414, vote laan registry vefaa vaathan engilahvaane, e noon thanakah registry kurahvan beynunfulhu nama avahah reregistration form husha alhuhvaa
— Ahmed Shareef (@ShareefRangondi) March 2, 2021
"ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ހުށަހަޅާއިރު، ފޯމު ހުށަހަޅާ އަންނަ މީހާކަން އަންގައިދޭ މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށާއި، ރީ ރަޖިސްޓަރީވުމަށް އެދޭ މީހާ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެ ކަމަށްވެސް އީސީން ބުންޏެވެ.
އީސީން ބުނީ، އީމެއިލް ނުވަތަ ފެކުހުން ސީދާ ކޮމިޝަނަށް ފޮނުވާ ފޯމު ބަލައި ނުގަންނާނެ ކަމަށެވެ. އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށަހެޅޭނީ އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މާލޭގައިނަމަ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.