ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ، ޗެމްޕިއަންކަން ކްލަބު ވެލެންސިއާ އިން ހޯދައިފިއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލެންސިއާ އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ދަތުރުކުރުމުން، އެ ދެޓީމު ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައެވެ.
ކުރިން ޤަވާޢިދުގައި އޮންނަނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި، ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަތުން ވެލެންސިއާ މޮޅުވެފައިވަނީ 3-1 އިންނެވެ. ނަމަވެސް މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިންނެވެ. އެހެން ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާދަމް ނިޒާމްއެވެ.
ވެލެންސިއާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ، ބިދޭސީ ފޯވާޑް އައިރީ ސަމިއުލްއެވެ.
ދެވަނަ ހާފު ފެށިގެން، ފަސްވަނަ މިނެޓުގައި ހުސެއިން ފައިސަލްގެ އެހީއާއެކު ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ ވެލެންސިއާއަށް ލީޑު ނަގާދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އައިރީ ސެމިއުލް ކާމިޔާބުކުރި ލަނޑަކުންނެވެ.
ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފު (ކުޑަ ހީނާ)، މެޗަށް ފަހު ވާހަކަދައްކަމުން ބުނީ، އަލުން ދެވަނަ ޑިވިޝަނަށް ވެލެންސިއާ ގެންދިޔުމަށް ޓީމުގެ މެނޭޖުމަންޓުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ފައިނަލް މެޗުގައި ފަހަތުން އަރައި މޮޅުވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށް ވެސް ވަނީ ފާހަަގަކޮށްފައެވެ.
ވެލެންސިއާ އަކީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމެކެވެ. ނަމަވެސް މިފަހަރު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފަ މި ވަނީ، އެއް އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ މަހުބަދޫ ސްޕޯޓްސް ކްލަބެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ވެލެންސިއާގެ މުހައްމަދު ޖަޒްލާން ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އާދަމްނިޒާމެވެ.