ރައްޔިތުންގެ މަޖިލީހުން އިތުބާރުނެތް ކަމަށް ފާސްކޮށް މަގާމުން ވަކި ކުރި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދު، އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯގެ ވެރިއަކަށް ހަމަޖެއްސުމުން މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒާހިދު އެ މަގާމުން ވަކި ކުރެވުނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް ބައެއްގެ ހައްގު ގެއްލި، އަނިޔާތަކެއް ލިބެމުންދިޔައިރު ވެސް އެޗްއާރުސީއެމުން އެކަށީގެންވާ ފިޔަވަޅު ނާޅައި ލަސްކުރި މައްސަލައިގައެވެ.

ޒާހިދު އެ މަގާމަށް އައްޔަނުކުރި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ބަލަމުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ހާޒިރުކޮށްގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ ޒާހިދު ފަދަ ބޭފުޅެއް ރައްޔިތުންނާއި ގުޅުންހުރި އެހެން މަގާމަކަަށް އައްޔަނުކުރުމުން އީސީއަށް އޮންނަ އިތުބާރު ވެސް ކުޑަވެގެންދާ ކަމަށެވެ. އެހެންކަމުން ހުރިހާ މުއައްސަސާތަކުންވެސް މަގާމުތަކަށް މީހުން އައްޔަނުކުރާއިރު އެފަދަ ކަންކަމަށް ބެލުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ސަނީފް ވިދާޅުވީ އިންސާނީ ހައްގުތަކާއި ގުޅިގެން ހުށަހެޅުނު މައްސަލަތައް ނުބެލުނު މީހަކަށް ކައުންސިލް އިންތިހާބާ ގުޅޭ ޝަކުވާތައް ބެލެވޭނެ ކަމާއިމެދު ޝައްކު އުފެދޭ ކަމަށެވެ. އަދި ޒާހިދަށް އެމްޑީޕީގެ 65 މެމްބަރުންގެ އިތުބާރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ދިރާސާކުރި ކޮމިޓީއަށް ޖަވާބުދާރީވުމަށް ވަޑައިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އީސީ އަކީ ރައްޔިތުންގެ އިތުބާރާއި ވަރަށް ބޮޑަށް ގުޅިފައިވާ ކޮމިޝަނެއް ކަމަށެވެ. އަދި އީސީގެ މަގާމެއްގައި ރައްޔިތުންގެ އިތުބާރު ނެތް މީހަކު ހުރުމަކީ މައްސަލައެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ޒާހިދަކީ އެ މަގާމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށް ޝަރީފް ގަބޫލު ކުރައްވައެވެ.

ކޮމްޕްލެއިންޓްސް ބިއުރޯ އަކީ އިންތިޚާބީ ޝަކުވާ ބަލައިގަންނާނެ ނިޒާމެއް ގާއިމު ކުރުމަށް ގާނޫނުން ލާޒިމް ކުރާތީ އުފައްދާފައިވާ ބިއުރޯއެކެވެ. ޝަރީފް ވިދާޅުވީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް ގޮތެއް ނިންމާއިރު، ގާނޫނީ ޓީމާއި ކޮމިޝަންގެ މެމްބަރުންގެ ލަފައާއި ނުލައި އެ ބިއުރޯއަކަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. މެމްބަރުންގެ ލަފައާއި ނުލައި އެއްވެސް ނިންމުމެއް އެ ބިއުރޯގެ ވެރިއަކަށް ނުނިންމޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.