މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މައްޗަށެވެ. އިސްލާމް ދީނަކީ އެންމެހާ ޢާލަމްތަކަށްވާ ރަޚްމަތެކެވެ. ސަމާޙަތާއި، ކެތްތެރިކަމާއި، އޯގާތެރިކަމުގެ ނަމޫނާ ދީނެކެވެ. އެ ނަމޫނާ އިސްލާމީ އުންމަތަށް އެންމެ ފުރިހަމަ ގޮތުގައި ދެއްކެވީ، މާތް ނަބިއްޔާ އެވެ.

އިސްލާމްދީނުގައި ދީނާއި، ފުރާނަ އާޢި، ބުއްދިއާއި، މުދަލާޢި، އަބުރު ވަނީ ޙުރުމަތްތެރިކުރެވިގެންނެވެ. މިފަސްކަންތައް ޙިމާޔަތް ކުރުމަކީ ސަމާވީ ހުރިހާ ޝަރީއަތްތަކެއްގެ މައިގަނޑު އަސާސެވެ.އިސްލާމްދީން އައީ އިންސާނުންގެ ހުރިހާ ކަމެއް އިޞްލާޚުކޮށް ހަމަ މަގަށް އެޅުވުމަށެވެ.

އިސްލާމްދީން އައީ އިންސާނުންގެ ހުރިހާ ކަމެއް އިޞްލާޙުކޮށް ހަމަމަގަށް އެޅުވުމަށެވެ. ބިމުގައި ފަސާދަ ކުރުމާއި، ހަމަނުޖެހުން ހިންގުމާއި ލޭއޮހުރުވުން ނައްތާލުމަށެވެ. އަމާންކަން ދެވިގެންވާ މީހުންނަށް ބިރުދެއްކުމާއި، އިންސާނުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މިނޫންވެސް ނުވަބައިވެގެންވާ ބޮޑެތި ޖަރީމާތަކީ އިސްލާމް ދީން އެކަމަކުން ބަރީއަވެގެންވާ ކަންކަމެވެ.

ހުތުބައިގައި ބުނެފައިވަނި ދީނުގެ ނަމުގައި މިދެންނެވިފަދަ ކަންކަަމަށް އަރައިގަންނަނީ އިސްލާމްދީނަކީ ކޮބައިކަން ފަހުމެ ނުވާ މީހުންކަމުގައެވެ. އެފަދަ މީހުންނަކީ އިސްލާމްދީނުގެ ރިވެތިނަމާއި، ޝަރަފާޢި، ޢިއްޒަތަށް ހުރި ހުތުރެއްކަމުގައިވެއެވެ. އެމީހުންނަކީ އިސްލާމްދީނާ އެއްވެސް ގުޅުމެއްއޮތްބައެއް ނޫނެވެ. 

ޟިގެއިތުރުން ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނަކީ މަޖުބޫރުކުރުވައިގެން، ނުރުހުމުގައި ބަޔަކު އިސްލާމްދީނަށް ވައްދަން ގޮވާލާ ދީނެއްނޫންކަމުގައެވެ. އިސްލާމްދީން ދުނިޔޭގެ ހަބިތަސް ފޯރާފައިވަނީ ކަނޑިބަޑީގެ ޒަރިއްޔާައަކުން ނޫނެވެ، އިސްލާމްދީނުގެ ރީތި އަޚްލާޤާ މަތިވެރިކަން ފެނިގެންނެވެ. އިސްލާމްދީނަކީ އެންމެ ހައްގުކަން ބޮޑު ދީންކަން ވިސްނި، އެއަުރެންގެ ފުރިހަމަ އިޙްތިޔާރުގައެވެ.

އިސްލާމްދީން ގޮވާލަނީ ޤައިރުމުސްިމުންނަށްވެސް އަނިޔާވެރި ނުވުމަށެވެ. އަދާވާތްތެރިންނާއި މެދުވެސް ޢަދުލުވެރިވުމަށެވެ. އެމީހުނާމެދުވެސް އިޙްސާންތެރިވުމަށެވެ. އިސްލާމް ދީން ގޮވާލަނީ މުސްލިމުންގެ ޙިމާޔަތުގައި ދިރިއުޅޭ އެހެން ދީންތަކުގެ އެންމެނަށްވެސް ޙިމާޔަތްދީ، ފުރިހަމަ ރައްކާތެރިކަން ދިނުމަށެވެ.

ކީރިތިރަސޫލާ މުޙައްމަދު صلىالله عليهوسلم ޙަދީޘްކުރައްވާފައިވަނީ "މުސްލިމުން ޙިމާޔާތްދީފައިވާ މީހަކު މަރައިފި މީހަކު، ސުވަރުގޭގެ ވަސްވެސް ނުދެކޭ ހުއްޓެވެ. އަދި ހަަމަކަށަވަރުން ސުވަރުގޭގެ ވަސް ސާޅީސް އަހަރުގެ ރާސްތާއަށް ދެމިގެން ވެއެވެ." މިޙަދީޘްގައި ހިމާޔާތް ދީފައިޥާ މީހަކީކޮބައިކަން ބަޔާންކުރައްވަމުން އިބްނު ޙަޖަރު رَحِمَهُٱللّٰ ވިދާޅުވިއެވެ:"އެއީ މުސްލިމުންނާއި އެކު އެއްބަސްވުމެއް އޮތްމީހާއެވެ."

އެހެންކަމުން އެއްބަސްވުމެއްގެ ދަށުން މުސްލިމުންގެ ތެރޭގައި އުޅޭ ކޮންމެ ޣައިރު މުސްލިމަކީ، އަމާން ކަމާއި ޙިމާޔަތް ލިބިގެންވާންޖެހޭނެ މީހެކެވެ. އޭގެތެރޭގައި ހިމެނެނީ ފަތުރުވެރިންނާއި ، މަސައްކަތުމީހުންނާއި، އެނޫންވެސް ބޭނުންތަކުގައި އަންނަމީހުންނެވެ. އެމީހުނަށް ދޫކުރެވޭ ވިސާއަކީ މުޢާހަދާއެކެވެ. އެ މުޢާހަދާގެ ދަށުން އޭނާއަށް އަމާންކަންދީ ، ރައްކާތެރިކަން ދިނުމަކީ އެތަނެއްގެ އެންމެހާ ރައްޔިތުންގެ މައްޗަށްއޮތް ވާޖިބެކެވެ.

އިސްލާމްދީނުގެ ހަޤީގަތަކީ ސަލާމަތްކަމާ ރައްކާތެރިކާމާއި އަމާންކަމެވެ. މުސްލިމުންނަކީ އެހެންމީހުންނަށް ސަލާމަތަ ރައްކާތެރިކަންދޭ ބައެކެވެ. އިސްލާމީ މުޖުތަމައުއަކީ އެންމެ ރައްކާތެރި އެންމެ އަމާން މުޖުތަމައުއެވެ. ދީނުގެ ސަމާޙަތާއި،އޭގެ އުޖާލާ ރީތި ސޫރައާއި ޙަަގީގީ ކުލަވަރު ދިވެހި ޒުވާނުންނަށް ބަޔާންކޮށްދިނުމުގެ ޒިންމާވަރަށް ބޮޑެވެ.އެޒިންމާ ފުރިހަމަގޮތުގައި އުފުލައި، އިސްލާމްދީނުގެ ރީތި ނަމޫނާ ދައްކައި އުއްމަތުގެ ސަފީރުން ކަމުގައި އަދުގެ ޒުވާނުން ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ. އެގޮތުން ރާއްޖެގައި ޒުވާނުން ހޭލުންތެރިކުރަން ދަރުސްތަކާއި ޕްރޮގްރާމްތަކާއި ބޭއްވުން އިތުރުކޮށް، ޢިލްމުވެރިނަށްލިބިފައިވާ ތަޖުރިބާތައް ޒުވާނުންނަށް ޙިއްސާކުރުމަކީ މުޙިއްމުކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *