20 ފެބްރުއަރީ 2020 ވަނަ ދުވަހު ޓެރަރިޒަމްގެ ތުހުމަތުގައި ސްރީލަންކާއިން އެއްވެސް ދިވިއްސަކު ހައްޔަރު ކޮށްފައިނުވާކަމަށް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން މޯލްޑިވްސް ޕޮލިސްއަށް މަޢުލޫމާތުދީފައިވާ ގޮތުގައި 20 ފެބްރުއަރި 2020 ވަނަ ދުވަހު އެއްވެސް ދިވެއްސަކު ސްރީލަންކާގައި ހައްޔަރު ކޮށްފައިނުވާކަމަށް މޯލްޑިވްސް ޕޮލިސްއިން ވަނީ ބުނެފައެވެ.
ޕޮލިހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ހާމަ ކޮށްފައިވާ ގޮތުން 21 އޭޕްރިލް 2019 ވަނަދުވަހު ސްރީލަންކާއަށް ދިން ޓެރެރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާއިބެހޭ އިދާރާއަކުން ޕޮލިސް ސަރވިސްއަށް ކަށަވަރުކޮށްދީފައެއްނުއެވެ.
އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ޤައުމީ ފެންވަރުގައާއި ބައިނަލް އަޤްވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަމުންދާނެކަމުގެ ޔަޤީންކަން ޕޮލިހުން ވަނީ ދެއްވާފައެވެ.