މިއަދު 5،700 މީހެއްގެ ގަޔަށް ވެކްސިން ޖަހައި، ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 117،115 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެކްސިން ޖެހި މީހުންގެ ތެރެއިން 2،088 މީހުން ވެކްސިން ޖަހާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުން ކަމަށެވެ. 3،612 މީހަކު ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންނެވެ.
މާލެ ސަރަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދުތައް މިހާރު ދަށަށް ދާން ފަށާފައިވާއިރު، 20 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 178 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 7 ވެކްސިނޭޝަން ސެންޓަރަކާއި، މޯބައިލް 2 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 200،000 ޑޯޒެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 10,000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ.
ވަރަށް އަވަހަށް ސައިނޯފާމްގެ 100،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އޭގެއިތުުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ.