އޭއެފްސީ ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއިން ކުޅުނު މެޗެއްގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕް ސްޓޭޖް މެޗުތައް ރާއްޖޭގައި ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރި ބިޑް ކާމިޔާބު ކޮށްފިއެވެ.
މިކަން ހާމަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. ބައްސާމް އިތުރަށް ވިދާޅުވީ މި ގްރޫޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނޭއިރު، ގްރޫޕްގެ ފަހު ޖާގަ ކްލަބް އީގަލްސްއިން ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ އެންމެ ފަހުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މި ގްރޫޕްގެ ގްރޫޕް ސްޓޭޖްގެ ދެން ހުރި ޖާގަތައް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.
ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.
މި އަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމިއެވެ. އެއާއެކު ދެކުނު އޭޝިއާ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅުމަށް ނިންމި ނަމަވެސް، ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *