އެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި އިންޑިއާގައި ކުޅޭ ދެވަނަ ލެގުގެ މެޗު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ފަސޭހަނުވާނެކަމުގައި، އެޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ހަވީރު އޮތް މެޗަށްފަހު، މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ބެންގަލޫރު އަތުން މޮޅުވެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެެވެ.
ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ މެޗުގެ ކުރީކޮޅުގައި ބާލާފައެވެ. މިކަމާ ގުޅިގެން ސެކުލޮސްކީ ބުނިގޮތުގައި، ކެޕްޓަނަށް ލިބުނު އަނިޔާއަށް ފަހުވެސް ކުޅުންތެރިންގެ ފަރާތުން އެއް ރޫޙެއްގައި މަސައްކަތް ކުރިތަން ފެނިގެންދިޔަ ކަމަށެވެ.
ސެކުލޮސްކީ ބުނިގޮތުގައި ބެންގަލޫރަކީ މި ސަރަޙައްދުގެ އެންމެ މޮޅު އެއް ޓީމު ކަމަށާއި، އެޓީމުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ ކްލަބަކަށް ބެންގަލޫރުގެ ދަނޑުގައި އެޓީމު ބަލިކުރެވިފައެއް ނުވެއެވެ.
ޕްލޭއޮފުން މާޒިޔާއަށް ކުރިލިބިއްޖެ ނަމަ، އެޓީމު ވާދަކުރަންޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި، އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީގެ އިތުރުން، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.
ޕްލޭއޮފްގެ ފުރަތަމަ ލެގުން މާޒިޔާ މޮޅުވެފައިވާއިރު، ދެވަނަ ލެގުގެ މެޗު އޮންނާނީ މި ހިނގާ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިންޑިއާގައެވެ.