ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަަށް، އިދިކޮޅު ޕީޕީއެމުން ވާދަކުރާނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް، މުޙައްމަދު ލަތީފް ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
އައްޑޫ މޭޔަރަކަށް ވާދަކުރެއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ، އައްޑޫގެ ޙާލަތު ބަދަލުކުރުންކަމަށް ލަތީފް ވިދާޅުވިއެވެ.
ކުރިއަށަ މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވާފައިވަނީ، ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. އެހެންކަމުން މިބޭފުޅާއާ ދެން ވާދަ ކުރައްވަވާނެ އަނެއް ބޭފުޅަކީ، މުޙައްމަދު ލަތީފެވެ.
ކުރިއަށް މި އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެމް އިން ހުރިހާ ސިޓީތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ކުރިމަތިލާނެ ކަމަށް ވަނީ ބުނެފައެވެ.