އިންޑިޔާގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރެވޭ ފިލްމު "83" ގައި ކަޕިލް ދޭވް އަދި އަންހެނުން ރޯމީ ބާޓިޔާގެ ރޯލުން ފެނިގެންދާ ރަންވީރު-ދީޕިކާ މި ފިލްމުން ފެންނާނެގޮތް ދައްކާލައިފިއެވެ. މީގެ ފޮޓޯތައް އާންމުކުރުމާއި އެކު ސަޕޯޓަރުންގެ މެސެޖްތައްވެސް ދަނީ އޮހެމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރަންވީރު-ދީޕިކާ ހަމަ ހީވަނީ ކަޕިލްގެ ދެމަފިރިންގެ ނަކަލެއްހެނެވެ. އެހާވެސް ވައްތަރެވެ.
ދީޕިކާ ހާމަކުރި ގޮތުގައި، ފިލްމުގައި އޭނާގެ ރޯލަކީ ކުޑަ ރޯލެއްނަމަވެސް އެއީ ވަރަށް މުހިއްމު ރޯލެކެވެ. މި ފިލްމަކީ، އަމިއްލަ ހުވަފެން ފަހަތައް ޖައްސާލުމަށްފަހު، ފިރިމީހާގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އެހީތެރިކަންދޭ ކޮންމެ އަންހެނަކުވެސް ބަލާލުން މުހިއްމު ފިލްމަކަށް ވާނޭކަމަށް ދީޕިކާ ބުންޏެވެ. ދީޕިކާ ޤަބޫލު ކުރާގޮތުގައި ފިރިން ކާމިޔާބު ބަޔަކަށް ހެދުމުގައި އެމީހުންގެ އަނބިންކުޅޭ ދައުރު ވަރަށް މުހިންމުކަމާ، އޭގެ ހެކި އެންމެ ގާތުން ފެންނަން ހުރީ ޚުދު ދީޕިކާގެ މަންމައާއި ބައްޕަގެ ފަރާތުން ކަމަށްވެސް ދީޕިކާ ހާމަކުރިއެވެ.
10 އޭޕްރިލްގައި މި ފިލްމު ސިނަމާތަކަށް އަންނާނީ، ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން އަޑުއަޅައިގެންނެވެ.