ޑރ ބިލާލް ފިލިޕް ރާއްޖެ ގެނައުމަށް ނުފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވުމާއިއެކު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ.
" ލާދީނީ ހެޑް އަންގާ ގޮތަަކަށް ނޫން މިރާއްޖޭގެ ކަންކަން ހިންގަން ޖެހެނީކީ. އަޅުގަނޑަށް ހީވަނީ މިބޭފުޅުން މިއުޅެނީ ދަރުސް ދޭން މޯދީއާ، ރ.ބްރެންސަން މާލެ ނުގެނެވިގެން ހެން. ބައެއް ކަނުލޯބި ޖެހިފައިވާ މީހުން އޭނާ ދައްކާ ކޮންމެ މޮޔަ ވާހަކަޔަކަށް ސަނާ ކިޔަސް ގިނަ ރައްޔިތުންނަށް މިކަން އެނގޭ ." އަލީ ޒައިދް ވިދާޅުވެފައި ވެއެވެ.
ޒައިދް ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވަނީ "މީހުން ލާދީނީ އޭ ކިޔަނީ ވެސް ހަމަ ކިޔަން ވެގެން ކަމަށާއި، ބަރަހަނާ ވި އަންހެނާގެ ދިފާއުގަ ރޮއެހޭރި ރާއްޖެއައުމަށް ދައުވަތުދީފައި، މުޅިދުނިޔެއަށް މަޝްހޫރު އިސްލާމީ އިލްމުވެރިޔެއް އަންނާތީ އެކަމާ ހިތަށް ކެތްނުވެގެން ޕަޕެޓް ކުދިންކޮޅާއެކު ނުކުމެ އެކާ ދެކޮޅުވުން މީ ކޮންފަދަ ސިފައެއްތޯ" ސުވާލުކުރައްވާފައެވެ.
ޑރ ބިލާލް ފިލިޕް ރާއްޖެ ގެނައުމަށް ނުފެންނަކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސް ގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުރުހުން ފާޅުކުރެއްވުމާއި ގުޅިގެން ޒައިދް ކުރައްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޓޫ ޕީސްލައިގެން މޫދަށް ނޭރޭތީ ބާ ޑރ.ބިލާލް ފިލިޕް ހަރުކަށި މީހަކަށް ވީ؟" އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި "ލާދީނީ އަމަލާ ލާދީނީ ވާހަކަ ނުދައްކާތީ ތޯ އެބޭފުޅާ އެކްސްޓްރީމިސްޓަކަށްވީ؟" އައްސަވާފައެވެ.
" ބައެއްބޭފުޅުންނަށް ހީވަނީ އެމްޕީކަން ލިބުމަކީ ދެންމާ މާތް ކަމެއްކަމަށް، ބައްލަވާ، ރަސްރަސްކަލުންގެ މަތިން ﷲ ވޮޑިގެންވޭ." ޒައިދް ވަނީ ވިދާޅުވެފައެވެ.
ޖެމެއިކާގެ ދީނީ އިލްމުވެރިއާ ޑރ.ބިލާލް ފިލިޕް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ބުނެ ސަރުކާރުގެ ބައެއް އިސްބޭފުޅުން ވިދާޅުވުމާއި އެކު، ޑރ ފިލިޕް ރާއްޖެ ގެނައުން ވަނީ ކަމާބެހޭ އިތުރު އިދާރާ ތަކުގެ ލަފާ ހޯދުމަށް މަޑު ޖައްސާލާފައެވެ.