ޔޫއީއެފްއޭ ޗެމްޕިިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެތްލެޓިކޯ މެޑްރިޑުން އެންމެ ފަހުގެ ޗެމްޕިއަން ލިވަރޕޫލް ބަލިކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ އެޓްލެޓިކޯގެ ދަނޑުގައި ކުޅެވުނު މިމެޗުން ލިިވަރޕޫލް ގެ މައްޗަށް ކުރިހޯދާފަ ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗު ފަށައިގެން ހަތަރުވަނަ މިނެޓުގެ ތެރޭގަ އެތްލެޓިކޯ އިން ވަނީ މެޗުގެ ލީޑް ނަގާފައެވެ.
ކޯނަރަކުން އެތެލެޓިކޯގެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސައުލް ނިގޭޒައެވެ. ފުރަތަމަ ހާފް އެއްކޮށް ލިވަރޕޫލަށް ޑޮމިނޭޓްކުރެވިފައި ވީނަމަވެސް މިހާފްގައި ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މުޅި މެޗުގައިވެސް ލިވަރޕޫލްއަށް އެތްލެޓިކޯގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފެއްދިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ލިވަރޕޫލްގެ ފޯވަރޑް މުހައްމަދު ސަލާހް ބޮލުން ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، ކެޕްޓަން ޖޯޑަން ހެންޑަސަން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މިއީ ނަތީޖާ އެއްވަރުކުރަން ލިވަރޕޫލަށް ލިބުނު ރަނގަޅު ދެ ފުރުސަތެކެވެ.
އެތްލެޓިކޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ލިވަރޕޫލް ބަލިވިއިރު، ލިވަރފޫލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އަޮންނާނީ 12 ވަނަ ދުވަހުއެވެ.