ޖަރުމަނުގެ މިސްކިތްތަކަށް ހަމަލާދޭން ރާވަމުންދިޔަ 12 މީހަކު، ޖަރުމަނު ފުލުހުން ހިިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފިއެވެ. އެމީހުން ރާވާފައިވަނީ މުސްލިމުން ނަމާދަށް ޖަމާވާ ވަގުތު މިސްކިތްތަކަށް ހަމަލާ ދިނުމަށެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި މި މީހުން ރާވަމުންދިޔަ ހަމަލާތަކުގެ މަޤްސަދަކީ މަދަނީ ހަނގުރާމައެއް ފެށުންކަމުގައި ޕްރޮސެކިއުޓަރ ވަނީ ވިދާޅުވެފައެވެ.
ހައްޔަރުކުރެވުނު މީހުންގެ މަޤްސަދު ބަޔާންކޮށްފައިވާ ރިޕޯރޓާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޗާންސެލަރ އެންޖަލާ މަރކެލް ގެ ސްޕޯކްސްމަން ވަނީ، ހުރިހާ ދީންތަކުގެ މީހުންނަށް ބިރުވެރިކަމެއް ނެތި އެބައެއްގެ ދީނީ އަޅުކަންތައް ފުރިހަމަ ކުރުމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ސްޓެފަަން ސީބަރޓް ވިދާޅުވެފައިވަނީ، ކޮންމެ ދީނެއްގެ ބަޔަކަށްވެސް މިނިވަންކަމާއެކު އެބައެއްގެ ދީނީ އަޅުކަން ފުރިހަމަ ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެ ގައުމެއް އަދި ސަރުކާރެއްގެވެސް ޒިންމާއެއް ކަމަށެވެ.
ޕްރޮސެކިއުޓަރ ވިދާޅުވެފައި ވާގޮތުގައި މިހަމަލާތަށް ދިނުމަށް ރާވާފައިވަނީ، މުސްލިމުން، ސިޔާސީ ބޭފުޅުން އަދި ޖަރުމަނުގެ ހިމާޔަތުގެ ދަށުން އެގައުމުގައި އުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށެވެ.
މިމައްސަލާގައި ހައްޔަރު ކުރެވުނު 12 މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ އެކި އަވަށްތަކުންނެވެ. އަދި ޖަރމަނީ ފެޑަރަލް ކޯޓުން ވަނީ މިމައްސަލަ ތަހުގީގު ކޮށްނިމެންދެން މިމީހުން ޖަލުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން 4 މީހުންނަށް ވަނީ ޓެރެރިސްޓު ޖަމާއަތް ބިނާކުރަން މަސަަައްކަތް ކުރާކަމަށް ޝައްކު ކުރެވިފައެވެ. އަދި ބާކީ ތިބި 8 މީހުން ނަކީ މި ޖަމާއަތްތަކަށް ތާއީދުކޮށް، ފަންޑުކޮށް، ހަތިޔާރު ފޯރުކޮށްދިނުމާއި މި ހަމަލާތަށް ރޭވުމުގައި ބައިވެރިވި ފަރާތްތައްކަމަށް ވަނީ ޝައްކުކުރެވިފައެވެ.
ވެލްޓް އޭމް ސޮނަޓޭޖް ގައި ބަޔާން ކޮށްފައި ވާގޮތުގައި ހައްޔަރު ކުރެވުނު 12 މީހުންނަކީ ފޭސްބުކަށް ނިސްބަތްވާ މެސެޖުކުރާ އެޕް އެއް ކަމުގައިވާ ވަޓްސް އެޕް މެދުވެރިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިކަން ރާވަމުން އަންނަ ބައެއްކަމަށާއި މިމީހުންނަށް ތާއީދުކުރާ އެކަކު އަދި ހޯދިފައި ނުވާކަމަށެވެ. މިނޫހުގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުގައި މިމައްސަލަ ތަހުގީގުކުރާ ފަރާތްތަކަށް އަދި މިމީހުން އުޅެމުންދިޔަ ތަންތަން ބަލާ ފާސްކުރެވުނު އިރު ތަފާތު ހަތިޔާރު ފެނިފައިވާކަމަށް ވަނީ ރިޕޯރޓު ކޮށްފައެވެ. އޭގެ ތެރޭގައި މިމީހުން އަމިއްލައަށް ތައްޔާރު ކޮށްފައިވާ ހަތިޔާރު ވެސް ހިމެނެއެވެ.
ޑީޑަބްލިއުއަށް ޖަރުމަނުގެ ސެންޓްރަލް ކައުންސިލް އޮފް މުސްލިމްސް ގެ ސެކްޓްރީ ޖެނަރަލް އަބްދުއްސަމަދު އަލް ޔަޒިދީ ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ އެގައުމުގެ މުސްލިމު ޖަމާއަތްތަކަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމާއި، ބިރުވެރިކަމާ އެކަހެރިކަން އިހުސާސް ކުރެވޭ ކަމަށެވެ. އަދި މިފަދަ ޓެރަރިސްޓުންގެ ރޭވުންތަކާ މެދު އެގައުމުގެ ސިޔާސީ ފަރާތްތަކުން ހަނު ތިއްބަވާކަމާއި، ޕޮލިހުންގެ ފަރާތުން މުސްލިމުންނަށްލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބިފައި ނުވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.