މާލީ ތަޖުރިބާކާރުން ބައިވެރިވާ މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓް 2020 ބާއްވުމަަށް ތައްޔާރު ވެއްޖެއެވެ.
މާލީ ދާއިރާއަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ބަދަލުތަކާއި ދާއިރާގައި ހުރި މައްސަލަތަކަށް މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓަކީ އަންނަ ހަފްތާގައި ފަށާ ބިޒްނަސް އެކްސްޕޯގެ ތެރެއިން ބާއްވަން ހަމަޖެހިފައިވާ 6 ސަމިޓުގެ ތެރެއިން އެއް ސަމިޓެވެ.
ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިންޝުއަރަންސް ލީސިންގ އަދި ވެލުއޭޝަން ދާއިރާގެ ތަޖުރިބާކާރުން އަދި ކުންފުނިތަކުގެ އިސްބޭފުޅުން މިސަމިޓުގައި ބައިވެރިވާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
24 ފެބްރުއަރީ 2020 ވަނަދުވަހުގެ ރޭ 20:30 ހުން 22:30 ހަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސަމިޓް ގައި ސްޕީކަރުންނާއި މޮޑަރޭޓަރާ ދެމެދު "ވަން އޮން ވަން" ސެޝަންތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ސަމިޓްގެ މޮޑަރޭޓު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓައިޒޭޝާން އެންޑް ކޯޕަރައިޒޭޝަން ބޯޑުގެ ރައީސް ހަސަން ވަހީދު އެވެ.
ސަމިޓްގެ ސްޕީކަރުން ގެ ތެރޭގައި އަމާނާތަކާފުލް ގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރިޔާޒް ، އެސް އެންޑް އޭ އެޑްވައިޒަރީގެ ސީނިއަަރ ޓެކްސް އެޑްވައިޒަރ އަދި އެސްޓީއޯ ބޯޑު މެމްބަރު ޝިމާދު އިބްރާހިމް، ވިލާއެއާގެ ހެޑް އޮފް ފައިނޭންސް، ވިލާ ކޮލެޖުގެ ލެކްޗަރާ މުހައްމަދު ހަލީލް، މެޑްޓެކް މޯލްޑިވްސްގެ ފައިނޭންޝަލް ކޮންސަލްޓަންޓް އަލީ ޝަރީފްގެ އިތުރުން ކެޕިޓަލް މާކެޓް ތަޖުރިބާކާރު މަޚްޒޫމް ސަލީމު ހިމެނެއެވެ.
ޖުމްލަ 150 އެގްޒިބިޓަރުން ބައިވެރިވެ 3،000 މީހުން ޒިޔާރަތްކުރާނެ ކަމަށް މިއެކްސްޕޯ އިންތިޒާމްކުރާ ފަރާތްކަމުގައިވާ އޯކާ މީޑިއާ ގުރޫޕުން ލަފާކުރެއެވެ. މޯލްޑިވްސް ބިޒްނަސް އެކސްޕޯ ފަށަނީ 23 ފެބްރުއަރީ 2020 ވަނަ ދުވަހުގައެވެ.