ރާއްޖޭގެ ހަރަކާތްތެރިވާ އެންމެ ބޮޑު ބައިނަލް އަޤްވާމީ ފޭން ކުލަބު ކަމަށްވާ " އޮފިޝަލް ލިވަޕޫލް ސަޕޯޓަރސް ކްލަބް އޮފް މޯލްޑިވްސް" އިން ބާއްވާ ހާއްސަ އިވެންޓަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެންމާކްގެ ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ އަންނާނެ ކަން އިއުލާނު ކޮށްފިއެވެ.
އޮފިޝަލް ލިވަޕޫލް ސަޕޯޓަރސް ކްލަބް އޮފް މޯލްޑިވްސް އަކީ ކޮންމެ އަހަރަކުވެސް އެކި ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތެކެވެ. އޭގެ ތެރޭގައި އެކި ސަޕޯޓަރސް ކްލަބުތަކުގެ މެދުގައި ފުޓްސެލް މުބާރާތް ބޭއްވުމާއި، އަދި އެންޖީއޯތަކާ ގުޅިގެން ތަފާތު ޗެރިޓީ މަސައްކަތް ތަކުގައިވެސް ބައިވެރިވުން ހިމެނެއެވެ.
8 އަހަރު ލިވަރޕޫލް އަށް ކުޅެ 175 މެޗު ކުޅެދީ 9 ގޯލުޖަހާފައިވާ އެގަރ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ތަފާތު ޗެރިޓީ ހަރަކާތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. މީގެ ކުރިން ޔޫރަޕުގެ ޕްރޮފެޝަނަލް ކުޅުންތެރިއެއް ރާއްޖޭގެ ފޭން ކްލަބަކުން ބާއްވާ އިވެންޓަކަށް އައިސްފައެއް ނުވެއެވެ.
ލިވަރ ޕޫލް އެފް ސީ މޯލްޑިވްސް އިން ހާމަ ކޮސްފައިވާގޮތުގައި، އެގަރ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ވައިބަރ ކޮމިއުނިޓީ ޗެކް ކުރެއްވުމަށް ވަނީ ބުނެފައެވެ. މިއިވެންޓުގައި ޚާއްސަ ކެއުމަކާއި، އެގަރ އާއުއެކު ސެލްފީ ނެގުމާއި، އޮޓޯގްރާފް ނެގުމާއި އަދި އެގަރ އާ ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބޭގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ.