ރާއްޖޭގައި ސަރުކާރާއި ވާދަވެރި ފަރާތް، ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް އެމްޑީޕީން ދަނީ ކުރަމުންނެވެ. ގާނޫނަށް މި އިސްލާހު ގެނެވިއްޖެނަމަ، އިދިކޮޅު ލީޑަރަކު ކަނޑައަޅަން ޖެހޭނެއެވެ.

މިހާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނީ ޕީޕީއެމް އަދި ޕީއެންސީއެވެ. މި ދެ ޕާޓީން ވަނީ ކޯލިޝަނެއް ވެސް ހަދާފައެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަ ކުރަނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. އެހެންނަމަވެސް ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމުގައި ނުހުންނެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި އިސްލާހެކެވެ.

އެމްޑީީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދެއްވި ޖަލްސާގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން މަސައްކަތް ކުރަމުންދާ މި އިސްލާހާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރަކަށް ހުންނަ ބޭފުޅަކަށް ވެސް ޤާނޫނުން ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވެންޖެހޭ ކަމަށެވެ.

އަޅުގަނޑުމެން އެމްޑީޕީން އެބަ ހުށައަޅަން އިދިކޮޅު ރިޔާސީ ލީޑަރަކު ރިކޮގްނައިޒް ކުރުމުގެ ވިސްނުން، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އަޅުގަނޑުމެން އެބަ ހުށަހަޅަން، އިދިކޮޅު ލީޑަރެއް ހުންނާނެކަން. އެލީޑަރަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ތަފްސީލުކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެޤާނޫނުގައި ލިޔެފައިވާނެ.

އާޒިމް ވިދާޅުވީ އިދިކޮޅު ލީޑަރަށް ލިބިދޭންޖެހޭ އިނާޔަތާއި އިހްތިޔާރު ގާނޫނުން ކަނޑައަޅާ، ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއްގައި ވެރިކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގާނޫނަށް ގެނައުމަށްޓަކައި މަސައްކަތް ކުރާ މި އިސްލާހުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވާދަވެރި އިދިކޮޅު ފަރާތެއް އޮވެ، ޒިންމާދާރު މަސައްކަތްތަކެއް ކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމެވެ. އަދި މިއީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ ގޮތް ކަން ފާހަގަކޮށްލެވެއެވެ. އަދި މި ބިލު މަޖިލީހަށް ހުށަހަޅާނީ ވާދަވެރި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ ހޯދުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މި ބިލުގެ ދަށުން އައްޔަންކުރާ އިދިކޮޅު ލީޑަރަކީ ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވާކަށްނުޖެހެ އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިން ބޭއްވި ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ މެމްބަރުން ވަނީ ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.