ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލިކަމަށް ކުރިން ޝަރީއަތުގެ މަޖިލިސްގައި އިޢުތިރާފްވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް ބުނެ އަދުހަމް ދައުވާއަށް އިންކާރު ކޮށްފިއެވެ.
ގާސިމް މަރާލި މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާ އުފުލާފައެވެ. މީގެ ކުރިން ބޭއްވުނު އަޑުއެހުމުގައި އަދުހަމް ވަނީ ޤާސިމް މަރާލީ އޭނާ ކަމަށް އެއްބަސްވެ ، ގާސިމް މަރާލީ ގަސްތުގައި ނޫންކަމަށާއި އޭރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްބުނެފައެވެ. މީގެއިތުރުން ޤާސިމަށް ހަމަލާދިނީ ކުލި ދެއްކޭނެ ގޮތެއް ނެތިގެން ފޭރެން އުޅުމުން ގާސިމް އަޑުގަދަ ކުރުމުން ކަމަށް ބުނެ އެރޭގެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލް އަދުހަމްވަނީ، ޝަަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.
ތަހުގީގުގެ މަރުހަލާގަ ކުށަށް އިއުތިރާފުވެ ޤާސިމްގެ ވާރިސުން ގެ މަޢާފް ބޭނުންވާކަމާށް ވެސް އަދުހަމް ވަނީ ބުނެފައެވެ. ވާރިސުން މާޢާފު ދީފިނަމަ އަދުހަމް ގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. ކުރިން ބޭއްވުނު އަޑުއެހުމުގައި، ގާޒީ އިސްމާއީލް ރަޝީދު ނިންމެވީ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާށެވެ.
މިއަދު ބޭއްވުނު އަވަސް ނިޔާގެ އަޑުއެހުމަކީ އަދުހަމްގެ މައްޗަަށް ހުކުމް އިއްވައި ވާރިސުންގެ ބަސްހޯދައި އަދަބި ކަނޑައަޅަން ތާވަލްކުރި އަޑުއެހުމެކެވެ.
އަދުހަމް ކުށަށް އިންކާރު ކޮށް ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނިގޮތުގައި އޭނާ ކޯޓަށް ގެންނަނީ ފުލުހުން އޭނާ އަށް މަސްތުވާތަކެތި ދީގެން މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އޭނާއަށް ހޭވެރިކަން ޖެހުނީ މާފުއްޓަށް ބަދަލުކޮށް ކަރެކްޝަން ސަރވިސްއާ ހަވާލު ކުރުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
އަދުހަމް ކުށަށް އިންކާރު ކުރުމުން ދައުލަތުން ވަނީ މައްސަލަ ކުރިއަށް ގެންދިޔުމަށް އެދިފައެވެ. އެހެންވެ އަލުން އިބްތިދާއީ އަޑުއެހުންތައް ފަށައި ހެކި ހުށަހަޅައި ޝަރުއީ މަރުހަލާތައް ފެށުމަށް ގާޒީ ވަނީ ނިންމާފައެވެ.
މިއަދުގެ އަޑުއެހުމަށް ފުލުހުންގެ އޮފިސަރުންނާއި ޤާސިމްގެ ވާރިސުން ވެސްވަނީ ހާޒިރުވެފައެވެ. ފޭރުމާ ވަށްކަމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އަޮންނަ އަދުހަމްއަށް ވަކީލަކު ހަމަޖައްސައިދެއްވީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ވަކީލް ވިދާޅުވެފައިވަނީ އަދުހަމް ދައުވާ އަށް އިންކާރު ކުރާކަން އެގުނީ މިއަދު ކަމަށާއި މީގެ ކުރިން އަދުހަމް އެފަދަ ވާހަކަ އެއް ވަކީލް ކައިރީގަ ބުނެފައި ނުވާކަމަށެވެ.