ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ދުވަހެއް ދުވަހަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތި ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކައިފިއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ ދެވަނަ، އަދި ތިން ވަނަ ކުއަރޓަރ އާއި އަޅާބަލާއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި، ކުރިއަށް ޖެހިލީ މިދިޔަ އަހަރުގެ ފަހު ކުއަރޓާގައި ކަމަށެވެ. އެއީ ފަތުރުވެރިކަމުގެ ޕީކް ސީޒަން އައުމާއި ގުޅިގެންނެވެ. ފަތުރުވެރިކަން ކުރިއަރަން ފެށުމާއި އެކު އެއާއި ގުޅުން ހުރި ދާއިރާތައްކަމަށް ވާ ދަތުރުފަތުރުގެ ދާއިރާއާއި ކޮމިއުނިކޭޝަންގެ ދާއިރާވެސް ކުރިއަރަން ފެށިއެވެ.

މީގެއިތުރުން، ލޮކްޑައުން އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއި އެކު، ޚާއްސަގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދުގެ އިގްތިސާދީ ހާލަތު ކުރިއަރައިގެންދިޔަ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އެހެންނަމަވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކަށް އައި ކޮވިޑް-19ގެ ސާރޖުތަކާއި އެކު ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އިންފްލޭޝަން ހުރީ އޭގެކުރީ ކުއާޓަރާއި އެއްވަރެއްގައި ކަމަށެވެ. އެއީ މައިނަސް %1.1 ގައެވެ. ހިލޭ އެހީ ނުލައި މި ކުއާޓަރުގައި ދައުލަތައް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވެސް ދަށެވެ. މީގެ މައިގަނޑު ސަބަބަކީ އާއްމު ޚިދުމަތްތަކުންނާއި، ކުލި އަދި ބައެއް ތަރުކާރީގެ ބާވަތްތަކުގެ އަގު ދަށް ވެގެން ދިއުމެވެ. އަދި ޓެކްސް އާއި އެނޫންވެސް ގޮތްގޮތަށް ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *