އަހަރެމެން އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ، ދުނިޔޭގައި ދިރުން ލައްވާފައިވާ އެންމެހާ ތަކެއްޗާއި ޚިލާފަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ހަމަބުއްދިއެވެ. ވިސްނުމުގެ ބާރެވެ. މި ނިޢުމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ މި ވިސްނުމުގެ ބޭނުން ކޮށްގެން އަހަރެމެން ފުރިހަމަ މިނިވަން ކަމެއް ލިބިގަތުން ނޫން ހެއްޔެވެ؟ އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފަރސަން ވިދާޅުވެފައިވެއެވެ. އެންމެ މަތިވެރި ދަރަޖައިގެ ހިތްހަމަޖެހުމާއި ހަޤީޤީ އުފާލިބުން ބިނާވެގެންވަނީ، ހެޔޮ ނަސީބުގެ ނަތީޖާއެއްގެ ގޮތުން އަހަރެމެންނަށް މާއްދީ ފަސޭހަތަކާއި މަންފާތައް ތަނަވަސް ވެފައި ހުންނަ ހުރުމުގެ މައްޗަކަށެއް ނޫނެވެ. އަދި ކީއްހެއްޔެވެ! ހަގީގީ ހިތްހަމަޖެހުމާ އުފަލުގެ ސިއްރަކީ އަދި ސަބަބަކީ ސާފުތާހިރު އަދި ހެޔޮ ޒަމީރަކާއި، ފުރިހަމަ ޞިއްޚަތާއި، އީމާންދާރީއާއެކު ހެޔޮގޮތުގައިކުރާ މަސައްކަތާއި، އަދުލުވެރި އަދި ހެޔޮ އެންމެހައި ކަންކަން ކުރުމުގެ ހުއްރިއްޔަތާއި މިނިވަންކަން ލިބި ކަށަވަރު ވެފައި އޮންނަ އޮތުމެވެ. މިނިވަން ކަމަކީ ކިހާ މުހިންމު ނިޢުމަތެއްކަމާއި ފުރިހަމަ މިނިވަން ކަމެއް ޤައުމަށް ލިބިގަނެވޭނީ ކިހިނެތްކަން މިކަމުން ވަރަށް ސާފުވެ ބަޔާންވެފައި ވެއެވެ.

2019ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެފައިވަނީ، ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދެއްވުންކަމަށާއި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ، މި އަގުބޮޑު ހަދިޔާ އަދި ދިވެހިންނަށް ލިބިފައިވާ އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު ދެމިއޮތުން ކަމުގައެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގެ ކުރީގެ ރައީސް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު 2019ވަނަ އަހަރު ވިދާޅުވެފައި ވަނީ، ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެންމެ މުހިންމު ކަމަކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރުމާއި ޤައުމުގެ ދިފާޢީ ބާރުގެ ސަފުތައް ވަރުގަދަ ކުރުމާއި ހަމައެއާއެކު، އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ ސަފުތައްވެސް އިތުރަށް ބަދަހިކުރުން ކަމުގައެވެ. ރާއްޖޭގައި ވެރިކަން ކުރައްވާ ރައީސުން މިގޮތައް ޔަޤީން ކުރައްވާއިރު، އަޅުގަނޑުމެންނަށް ދޭހަވަނީ އިސްލާމީ ހިދާޔަތުގެ އަލިކަން ނެތި، ފުރިހަމަ މިނިވަންކަން މިޤައުމަށް ލިބުމަކީ ނާދިރު ކަމެއްކަމަށެވެ.

ޤައުމަކަށް ލިބިފައިވާ މިނިވަންކަމުގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ، އެޤައުމެއްގައި އިޤްތިޞާދީ ފުދުންތެރިކަން ޤާއިމުކުރެވިގެންނެވެ. އަދި އެކަމުގެ މަންފާ ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިއްބައިދެވިގެންނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. އިޤްތިޞާދީ ގޮތުން މުއްސަނދި ޤައުމުތަކުން، އެކިއެކި ފިކުރުތަކާއި ޘަޤާފަތްތައް ފެތުރުމުގެ ޒަރީޢާ ބޭނުން ކުރަމުންގެންދާ މަންޒަރެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދާޚިލީ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި، ޤައުމީ ސިޔާދަތަށް އުނިކަން އަންނަ އުޞޫލުތަކާއި ގޮތްތައް ތަޢާރުފު ކުރަމުންދާ މަންޒަރެވެ. ބައިނަލްއަޤްވާމީ ޞުލްޙައިގެ ނަޒަރުން ބަލާއިރު، މިއީ ކަންބޮޑުވާންޖެހޭ ކަންތައްތަކެކެވެ. ހަމަ އެހެންމެ ޤައުމެއްގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކޮށް، އިޖުތިމާޢީ ގޮތުން ރައްޔިތުން ބާރުވެރިކޮށް، އުފާފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އިޤްތިޞާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވިގެންނެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 2016 ވަނަ އަހަރުގެ ނޮވެމްބަރ 2 ވަނަ ދުވަހު ދެއްވި ޚިޠާބުގައި، ރާއްޖޭގެ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމު ވިދާޅުވެފައިވަނީ، ޤައުމުގެ މިއަދުގެ ޒުވާނުންނާއި، މާދަމާގެ ޒުވާނުން، މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޢަޒުމްތަކެއް ކަނޑައަޅައި، މި ލޮބުވެތި ޤައުމު މިނިވަން ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެއް ކަމަށެވެ. މިކަން ޙާޞިލުކުރެވޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބެގެން ކަމަށެވެ. އެހެން ކަމުން ޤައުމުގެ ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާތައް އަދާކުރަން އެބަޖެހެއެވެ. ހަމަ ކޮންމެ ދަރިޔަކުވެސް ތިމާއަށް ޤައުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެބަ ޖެހެއެވެ.

ކުދިން ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށާއި،
އެކުދިން ނަޞާރާއަކަށްވެސް އަދި މަޖޫސީއަކަށްވެސް
ހަދަނީ އެކުދިންގެ މައިން ބަފައިން ކަމުގައި (ޞަޙީހް މުސްލިމް، ފޮތް 033،
ޙަދީޘް ނަންބަރ 6426). ގައި ރިވާ ކުރައްވާފައިވެއެވެ. ނަމަވެސް އަހަރެމެންނަށް
ފެންނަމުން މިދާ މަންޒަރަކީ އެ ކުދިންގެ ކޮންމެ ދުވަހެއްގެ ކާނާ، އޭގައި އެތައް ކެމިކަލްއެއް އެކުލެވޭގޮތައް ތައްޔާރުކުރެވިފައިި ހުއްޓަސް، އެކުދިންނަށް ދެވެމުންދާ މަންޒަރެވެ. ކުދިންގެ މައިންބަފައިންނަށްވެސް އެ ކުދިންނަށް ދެވޭނީ ލިބެން ހުންނަ ބާވަތަކުން ނޫންހެއްޔެވެ؟ މީގެ
ނަތީޖާ އަކަށް ވަނީ ޅައުމުރުގައި އެކުދިންގެ ދިފާޢީ ނިޒާމުގެ ބާރު ކެނޑި،
އެކުދިންގެ ވިސްނުމާއި ފިކުރު ކުރުމުގެ ބާރު ކެނޑި، އެކުދިންނަކީ ކޮންމެ ގޮތެއް
ވަރިހަމަ ވެގެން ތިބޭ ބަޔަކަށް ވުމެވެ. އެހެންކަމުން މިނިވަން ފުރިހަމަ މިނިވަން
ޤައުމެއްގެ ގޮތުގައި އޮތުމަށްޓަކައި، އަހަރެމެންގެ ޅަދަރިންގެ ފުރިހަމަ ޞިއްޙަތާއި،
ފުރިހަމަ ވިސްނުމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. އެކުދިންނަކީ އަހަރެމެންގެ
މާދަމާއެވެ.

އަހަރެމެން އިންސާނުންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ މިނިވަންކަން، ކަމަށް ވާއިރުގައި ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި އޮތުމަށްޓަކައި، މާތްވެގެންވާ އިސްލާމް ދީން ޙިމާޔަތް ކުރުމާއި، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހެދުމާއި، ފަރުދީ ޒިންމާތައް އަދާކުރުމާއި އަދި އަހަރެމެންގެ އަދުގެ ޖީލުތައް މާދަމާއަށް ގެންދަން ތިބި ކުޑަކުދިންގެ ފުރިހަމަ ޞިއްޙަތާއި އެކުދިންގެ ވިސްނުމުގެ ބާރު ފުރިހަމަ ގޮތުގައި ލިބިގެންނެވެ. މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޢަޒުމްތަކެއް ކަނޑައަޅައި، މިނިވަން ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *