ކުދިން ކުޅެން ހޭދަ ކުރާ ވަގުތަކީ އެކުދިންް ގެ ވިސްނުމާއި އުފެދުމުގެ ޤާބިލްކަން އިތުރު ކުރުވާ ކަމެކެވެ. އެކުދިން އާކަންތައްތައް ދަސްކޮށް އެކުދިންގެ ވިސްނުން ތޫނު ވުމަށް މަގުފަހި ކުރުވާ ކަމެކެވެ.
ނަމަވެސް ކުދިންނަށް ކުޅޭސާމާނު ހޯދާދޭއިރު އެކުދިންގެ އުމުރާ ގުޅޭ އެއްޗެއްހި ހޯދުމަށް ބެލެނިވެރިން ސަމާލުވާން ޖެހެއެވެ. ކުޅޭ ސާމާނު ގަނެދޭއިރު ހަނދާނުގައި ބަހަށްޓަންޖެހޭ ބައެއް ކަންތަކުގެ ތެރޭގައި އެކުއްޖެއްގެ އުމުރާ ގުޅޭތޯ ބެލުން، ކުއްޖާގެ ޝައުގުވެރިކަން ހުންނަ އެއްޗެއްތޯ ބެލުން އަދި ހެދިބޮޑުވަމުން އަންނަ ދަރިފުޅަށް ދަސްކުރަމުން އަންނަ ކަންތައްތަކާއި ގުޅުންހުރި އެއްޗެއްތޯވެސް ބަލަން ޖެހެއެވެ. އަދި ކުޅޭ ސާމާނު ގަންނައިރު ރައްކާތެރިކަމަށްވެސް ވިސްނަންޖެހެއެވެ. މާކުދިކުދި ބައިތައް އެކުލެވޭ އެއްޗެއްނަމަ ކުއްޖާ އޭތި އަނގައަށްލާ ކަރުގައި އަޅައިގަނެ ނޭވާނުލެވުން ފަދަ ހާދިސާ ތައް ދިމާވާ ފަހަރު އާދެއެވެ.
އުފަންވާދުވަހުން ފެށިގެން 6 މަހާއި ހަމައަށް (ނިއުބޯން)
އުފަންވުމާއި ހަމައިން ތުއްތު ދަރިފުޅުގެ އުމުރުން ހަމަސް ފުރުމާހަމައަށް ބޮޑަށް ބޭނުންކުރަމުން އަންނާނީ އެކުދިން ގެ ހިއްސުތަކެވެ. އޭގެތެރޭގައި ލޮލުގެ ފެނުމާ އެވޭ އަޑުތަކާ އަތްލުމުގެ އިހުސާސް ހިމެނެއެވެ. ތުއްތު ކުދިންނަށް ތައްޔާރު ކޮށްފައި ހުންނަ ކުޅޭ ސާމާނަކީ ކުލަގަދަ، އަތްލުމުގެ އިހުސާސް ކުރުވާ، ފަސޭހައިން ހިފަހައްޓަލެވޭ އަދި ބައެއް ފަހަރު އަޑު އެކުލެވިގެން ވާ އެއްޗެއްސެވެ. މީގެ ތެރޭގައި "ރެޓްލްސް"، ބައުންސަރ ސީޓް، ޕްލޭމެޓް، ޓީތަރ، ސޮފްޓް ޓޯއިސް މީ ތުއްތުކުދިންނަށް އެންމެ އެކަށީގެންވާ އެއްޗެއްސެވެ.
6 މަހުން 12 މަހާއި ހަމައަަށް (ބޭބީ)
މިއުމުރު ފުރައިގެ ކުދިންނަކީ ހީސަކަރާތް ޖެހުމާއި، ތަފާތު އަޑުލެއްވުމާއި، އިށީނދެއިނުމާއި، ފުރޮޅުމާއި، ބަންޑުން އޮތުމާއި، ފިރުކުމާ އަދި ތަންތަނުގަ ހިފައިގެން ތެދުވަން މަސައްކަތްކޮށް، ބައެއްފަހަރު ދެތުވެ ހިނގަން ދަސްކުރާ ކުދިންނެވެ. މިއުމުރުގެ ކުދިން އެންމެ ޝައުގުވެރިވަނީ ކޮންމެވެސް ކަހަލަ ހަރަކާތެއް އެކުލެވިގެންވާ ކުޅޭ ސާމާނަށެވެ. މީގެ ތެރޭގައި ބެޓްރިލެއްވުމުން މިއުޒިކް ގެ އަޑުއިވޭ ކުޅޭއެއްޗެހި، ނުވަތަ ފިއްތަކަށް ފިއްތޭފަދަ އެއްޗެއްސެވެ. މިއުމުރުގެ ކުދިންނަކީ "ޑަމްޕް-އެންޑް-ފިލް ޕްލޭ " ފަދަ ކުޅިވަރު ކުޅޭހިތްވާ އުމުރަކަށްވާއިރު އެއްޗެެއްގެ ތެރެއަށް ކުޅޭއެއްޗެހި އަޅާފަ އެތަކެތި އެއިން ނަގާފައި އަލުން އެޔަށް އަޅައިގެން ކުލޭވޭގޮތަށް ހުންނަ އެއްޗިއްސަށް ޝައުގުވެރިވާނެއެވެ.
1 އަހަރާއި 3 އަހަރާ ދެމެދު (ޓޮޑްލަރ )
މިއުމުރަކީ ކުދިން އެންމެ ހަރަކާތް ތެރިވެ އުޅެން ފަށައިގަންނަ އުމުރެވެ. އެކުދިންގެ ވަށައިގެން ވާ މާހައުލުގައި ހުންނަ ކަންތައްތަކާއި އެއްޗެހި ހޯދާ ބެލުމުގަ ވަރުބަލިކަމެއްނެތި އުޅޭ އުމުރެވެ. މިއުމުރުގެ ކުދިންނަށް "ޓޮޑްލަރސް" އޭ ކިޔައެވެ. މިއުމުރުގެ ކުދިންނަކީ އެއްޗެއްސަށް ދަމާ، ކޮށްޕާ، އެއްޗެހި ވައްޓާ، އުކާ، އެއްޗެެއްސަށް އެއްޗެހި އަޅާ، ހުސްކޮށް ހަދަން ޝާއުގުވެރިކަން ހުންނަ ކުދިންނެވެ. މިއުމުރުގެ ކުދިން ފެންނަ ކޮންމެ އެއްޗެއްގައި އަތްލާ އެއީ ކޮންއެއްޗެއްތޯ ބަލާ ދިރާސާކުރުމަށް މަސައްކަތްކުރެއެވެ. މިއުމުރަކީ ކަންތައްތައް ދަސްކޮށް، ހޯދާ ދެނެގަތުމަށް މުހިއްމު އުމުރެކެވެ. މިއުމުރު ގެ ކުދިންނަށް މިއުޒިކެއް ހުންނަ ކުޅޭއެއްޗެހި، ބޭރުތެރޭ ބޭނުންކުރާ ކުޅެއެއްޗެހި، އަރައިގެން ދުއްވާ ކުޅޭސާމާނު އަދި ބްލޮކްސް ނޫނީ ޕަޒްލް ފަދަ އެއްޗެއް އުފެއްދުމަށް ބޭނުންކުރާ ކުޅޭސާމާނު ކަމުދާނެއެވެ. މިފަދަ ކުޅޭއެއްޗެހިން އެކުދިންގެ ވިސްނުން ތަނަވަސްކޮށްދީ އަތާއި އިނގިލިން ގެންނަ ކުދި ހަރަކާތްތައް ރަނގަޅުކޮށްދެއެވެ.
3 އަހަރާއި 5 އަހަރާއި ދެމެދު ( ޕްރީސްކޫލަރސް)
މިއުމުރަކީ ހިޔާލީ ކަންކަން އަދި "ޗެލެންޖް" ތަކަށް ލޯބިކުރާ އުމުރުފުރައެކެވެ. މިއުމުރު ކުދިންނަށް ހާއްސަ ކޮށްފައި ހުންނަ ކުޅޭ ސާމާނުގެ ތެރޭގައި ތަފާތު ވައްތަރުގެ ބޯޑް ގޭމް، ބައިސްކަލް، ކުރެހުމާއި ކްރާފްޓް ކުޅިވަރުތައް، އެއްޗެހި ރާވަން ބޭނުންކުރާ ކުޅޭސާމާނު، ކެއްކުމާއި، ވަޑާންކުރުމާއި، މަސްބޭނުމާއި، މިފަދަ ޚިޔާލީ ތަފާތު ކުޅިވަރު ކުޅެވޭކަހަލަ " ޕްރިޓެންޑް ޕްލޭ" ސެޓް ހިމެނެއެވެ.
5 އަހަރާއި 8 އަހަރާއި ދެމެދު (ކިޑްސް)
މިއުމުރުގެ ކުދިންނަކީ ކަންކަން ދިރާސާކުރުމާއި، އުފެއްދުންތެރިކަމާއި، އެއްޗެހި ހެދުމާއި، ކަންކަން ހާސިލްކުރަން ބޭނުންވާ އުމުރުފުރައެވެ. މިކުދިންނަކީ ޗުއްޓީތެރޭ މަޖާކޮށް ކުޅެލާހަދަން ބޭނުންވާ އުމުރުގެ ކުދިންނެވެ. މިއުމުރުގައި ބައެއްކުދިން ޑޯލް، ސުޕަރހީރޯ ފަދަ ކާރޓޫން ތަކާގުޅުންހުންނަ އެއްޗެއްސަށް ލޯބި ކުރެއެވެ. މިއުމުރަށް އެންމެ ރަނގަޅީ ބޯރޑް ގޭމްސް އަދި ތަފާތު ހުނަރު ތައް ދަސްކުރެވޭ ގޮތަށް ހުންނަ ކުޅޭސާމާނެވެ.
9 އަހަރާއި 12 އަހަރާއި ދެމެދު (ޕްރީޓީންސް)
ކުދިން ބޮޑުވެގެން އަންނަލެއް ވަރަށް އަވަސް، އެހެން ނޫންތޯ ؟ މިއުމުރުފުރާ ކުދިންނަކީ އެކުދިން ޝައުގުވެރިކަން ހުންނަ ކުޅިވަރު އަމިއްލައަށް އިޚްތިޔާރް ކުރާ ކުދިންނެވެ. ގޭމް ކުޅުމާއި، އެކިކަހަލަ މިއުޒިކް ކުޅޭސާމާނާއި، ތަފާތު މަޖާ ގޭމުތައް ކުޅެން ބޭނުންވާ ކުދިންނެވެ. ނަމަވެސް މިއުމުރަށް އެންމެ ރަނގަޅީ "ސްޓެމް " ކުޅޭ ސާމާނެވެ. މިފަދަ ކުޅޭ ސާމާނަކީ އެކުދިންނަށް މައްސަލަތައް ހައްލުކުރުމުގެ ކުޅަދާނަކަން އިތުރުކޮށް ވިސްނުން ތޫނުކޮށްދީ އުފެއްދުންތެރި ކުދިންނަށް ހަދައިދޭ ކުޅޭސާމާނެވެ.
13 އަހަރުން މަތި ( ޓީންއޭޖް)
މިއުމުރު ކުދިން އެންމެ ލޯބިޖެހެނީ ޒަމާނީ ޓެކްނޮލޮޖީ އަށެވެ. މޮބައިލް ފޯނާއި، ޓެބްލެޓް، ވީޑިއޯގޭމް ފަދަ ސާމާނެވެ. މިކުދިންނަށް ހޯދައި ދެވިދާނެ ކުޅޭސާމާނުގެތެރޭގައި ބެޓްރީ ސްކޫޓަރ، ޑްރޯން، ކޯޑް ރޮބޮޓްސް ނުވަތަ އާއިލާ އަދި އެކުވެރިންނާއެކު ކުޅެލެވޭ ކަހަލަ ނަރފް ބްލާސްޓަރ ގޭމް ހިމެނެއެވެ.