މުޖުތަމަޢުގެ ކުރިއެރުން ބިނާވަނީ މުޖުތަމަޢުގައި ދިރިއުޅޭ މީހުންގެ ފަރުދީ ޒިންމާތައް އަދާކުރުމުގެ މައްޗަށެވެ. އެގޮތުން ދިވެހި ބަހުގެ ޢާންމު ޤަވައިދާ އެއްހަމައިން ލިޔުންތައް ލިޔުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ލިޔާ ލިޔުންތަކަކީ މިފަދަ ލިޔުންތަކަކަށް ނުވާނަމަ، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ލިޔުމުގައި ބުނާ އެއްޗެއް ދޭހަނުވެ މާނަ ފުށުއެރުމާއި، ބަހުގެ ޤަވައިދަށް މީހުންދޭ ސަމާލުކަން ކުޑަވުމާއި، ޤަވައިދު ދަސްކުރަމުން ދާ ދަރިވަރުންނަށް އޮޅުން އެރުމާއި އަދި ބަހުގެ ޢާންމު ޤަވައިދު ހީނަރުވުން ފަދަ ކަންތައްތައް ދިމާވެއެވެ.
އަދުގެ ދުނިޔޭގައި އިންޓަރނެޓްގެ ޒަރީޢާއިން ޚަބަރުތައް ލިޔެ ޝާޢިރު ކުރުމަކީ
ވަރަށް ޢާންމު ކަމެކެވެ. މިފަދަ ގިނަ ލިޔުންތަކަކީ ގިނަފަހަރަށް އަވަސް ޚަބަރަކަށް
ވުމުން،
ދިވެހި ބަހުގެ ޢާންމު ޤަވައިދުގެ އެއްވެސް މިންގަނޑަކަށް ނުފެތޭ ލިޔުންތަށްވެސް
މީގެތެރޭގައި ހުރެއެވެ. ނަތީޖާއަކަށްވަނީ ލިޔުމުގައި ބުނާ އެއްޗެއް ފަހުމުނުވެ،
ނުބައި މާނައެއް ދޭހަވުމެވެ. ލިޔުންތެރިކަމުގެ އަސްލު މަޤުޞަދު ޙާޞިލުނުވުމެވެ. އެހެންކަމުން
ކިތަންމެ އަވަހަށް ޝާޢިރުކުރާ ލިޔުންކޮޅަކީވެސް ދިވެހިބަހުގެ ޢާންމު ޤަވައިދާ
އެއްހަމައިން ލިޔެފައިވާ ލިޔުމަކަށްވާން އެބަ ޖެހެއެވެ. ނޫސްވެރިން ވެސް ބަހުގެ
ޤަވަޢިދުތައް ދަސްކޮށް އެއަށް އަހުލުވެރިވާން ޖެހެއެވެ.
ދިވެހިންގެ ކަންފަސޭހަ ކަމަކީ ދައްކާ ކޮޅުންލާނޭ ވާހަކައެއް ނޫންކަން، މިއީ އިތުރު
ތަފުޞީލެއްވެސް ބޭނުންވާނެ ވާހަކައެއް ނޫންކަން ޔަޤީނެވެ. ކަން މިހެން އޮތުމާއެކު، ސަރުކާރުގެ އެކިއެކި
އިދާރާތަކުން ނެރޭ ބަޔާން ތަކާއި، ރިޕޯރޓު ތަކާއި އަދި
ޢިއުލާނުތައް، ގިނަ ފަހަރަށް ލިޔެފައި ހުންނަނީ ދިވެހި ބަހުގެ ޤަވައިދަށް ފެތޭ މިންގަނޑަކުން
ނޫނެވެ. މީގެ އިތުރުން ސޯޝަލް މީޑިޔާގައި ލިޔެވޭ ވާހަކަތަކާއި، އަމިއްލަ
ފަރާތްތަކުން ނެރޭ ތަފާތު އިޢުލާނުތައް ވެސް ހުންނަނީ، ހަމަ މިފަދަ ގޮތަކަށެވެ. މީގެ
ސަބަބުން ބަހުގެ ޢާންމު ޤަވައިދަށް މީހުންދޭ ސަމާލުކަން ކުޑަވެއެވެ. އަދި
ދިގުދެމިގެންދާ ކަމަކަށް މިކަން ވެއްޖެނަމަ، ދިވެހި ބަހުގެ ޢާންމު
ޤަވައިދުތައް އުވިގެން ދިޔުންވެސް އެކަށީގެންވެއެވެ. އެހެންކަމުން މިޤަވައިދުތައް
އުވިދިޔަ ނުދިނުމަށްޓަކައި، ހުރިހާ ފަރުދުންވެސް ވަކި ޤަވައިދަކާއި
ހަމަތަކެއްގެ މަތިން، ފަރުވާތެރިކަމާއި އެކުގައި ލިޔުންތައް ލިޔަންޖެހެއެވެ.
ދަރިވަރުން ބޭނުންތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ވެގެންދަނީ، މަދަރުސާތަކުން އެކުދިންނަށް ލިބޭ ޢިލްމާއި ޙިލްމުގެ ތެރެއިންނެވެ. އެގޮތުން މަދަރުސާތަކުން، ދަރިވަރުން ކިޔުމަށް ޙަވާލުކުރެވޭ ލިޔުންތަކަކީ ދިވެހި ބަހުގެ ޤަވައިދާ އެއް ހަމައަކުން ލިޔެފައިވާ ލިޔުންތަކަކަށް ނުވާނަމަ، އެކުދިންނަށް ޤަވައިދު ދަސްކުރަން އުނދަގޫވެއެވެ. ބަހުގެ ޢާންމު ޤަވައިދުތައް އޮޅުން އަރައެވެ. މިހެން މިކަން ހިނގުމުން، ޤަވައިދު ދަސްކުރަމުން ދާ ދަރިވަރުންނަށް ޤަވައިދުތައް ދަސްވަނީ ނުރަނގަޅު ގޮތަށެވެ. އެހެން ކަމުން ކޮންމެ ލިޔުމަކީވެސް ދިވެހި ބަހުގެ ޢާންމު ޤަވައިދަށް ފައްތައިގެން ލިޔާ ލިޔުމަކަށް ވާންޖެހެއެވެ.
މިއަދު އަހަރެމެން
ދޫކޮށްފަދާ ތަކެއްޗަކީ، އަންނަން އޮތް ޖީލުތަކުގައި ބޭނުންކުރެވޭ ގޮތަށް ދޫކޮށްފަދާ
ތަކެއްޗަށް ހެދުމަކީ އަހަރެމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެގޮތުން
ލިޔާ ލިޔުންތަކަކީ އަންނަން އޮތް ޖީލުތަކަށް ބަހުގެ ޢާންމު ޤަވައިދުތައް ފޯރުކޮށްދެވެން
އޮތް އެންމެ ބާރުގަދަ އެއް ވަޞީލަތެވެ. ނަމަވެސް މިފަދަ ލިޔުންތައް އެއްވެސް
ޤަވައިދަކަށް ނުފެތި، ފަރުދުން ބޭނުން ގޮތަކަށް ލިޔެވިފައިވާނަމަ، ބަހުގެ އަސްލު
ޤަވައިދުތައް ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށެއް ނުދެވޭނެއެވެ. ކޮންމެ މީހަކުވެސް
ލިޔާނީ އެމީހަކު ހިތަށް އެރި ގޮތަކަށެވެ. އެހެން ކަމުން ދިވެހި ބަހުގެ ޢާންމު
ޤަވައިދު ދިރުވާ އާލާކުރުމަށްޓަކައި، ލިޔުންތަކުގައި ދިވެހި
ބަހުގެ އާންމު ޤަވައިދުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ. ދިވެހިބަހުގެ
އެކަޑަމީއިން ޤަވައިދެއް ކަނޑައަޅަން ޖެހެއެވެ. ވަކި ފެންވަރަކަށް ލިޔުމުގެ
ޤަވައިދެއް ތަންފީޒްކުރަން ޖެހެއެވެ.
ލިޔާ ލިޔުންތަކަކީ
ދިވެހިބަހުގެ އާންމު ޤަވައިދަށް ލިޔެފައިވާ ލިޔުންތަކަކަށް ނުވާނަމަ، ލިޔުންތަކުގެ
މާނަ ފުށޫއަރާ ބަހުގެ ޤަވައިދު ދަސްކުރާ ދަރިވަރުންނަށް އޮޅުންއަރައެވެ. ހަމަ
މިބީދައިން ޤަވައިދަށް މީހުންދޭ ސަމާލުކަން ކުޑަވެ، ބަހުގެ ޢާންމު ޤަވައިދު
ހީނަރުވެގެން ދިއުން ނުހަނު ގާތެވެ. ހަމަ ޔަޤީނުން ވެސް ދިވެހި ބަސް
ރައްކާތެރިކުރުމަށްޓަކައި، ލިޔުންތެރިންގެ ސަމާލުކަމަށް މިކަން ގެނައުން
ވަރަށް މުހިންމެވެ.