މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ސާލިހް ފައްޓަވައިދެއްވައިފިއެވެ. މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މިއަދު އެކަންކަމަށް ހައްލު ހޯދާދޭން ޖެހިފައިވާކަމުގައެވެ.

އެގޮތުން މާލޭ ސިޓީގެ މަގުތަށް ހެދުމަށް 462 މިލިއަން ރުފިޔާގެ މަޝްރޫއެއް ރައީސުލް ޖުމްހޫރިއްޔާ ވަނީ ފައްޓަވާ ދެއްވާފައެވެ. މިމޝްރޫގެ މަސައްކަތް ކުރިއަށްގެންދާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާގޮތުގައި ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދާއިރު އަމަލީގޮތުން މިމަސައްކަތް ކުރުމަށް ހަވާލުވެ ހުންނަވާ ޒުވާން މެނޭޖިންގ ޑައިރެކްޓަރު މޫސާ އަލިމަނިކުގެ މަސައްކަތާ ދޭތެރޭގައި އެމަނިކްފާން ޝައްކެއްނުކުރައްވާކަމަށާއި މޫސާ އަލިމަނިކުގެ މަސައްކަތާ އެކީ މާލޭގެ ރައްޔިތުން ބޭނުންވާ ބަދަލު މަގުތަކަށް އަންނާނެކަމާމެދު ޝައްކުނުކުރައްވާކަމަށެވެ.

ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވިއެވެ.އެބޭފުޅާ ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއު ނިންމުމަށް ދެއަހަރުގެ މުއްދަތު ނަގާނެއެވެ.

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް ، ސިޓީ ރޯޑްސް ، ސެކަންޑްރީ ރޯޑްސް ، ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ. 

މޫސާ ވިދާޅުވެފައިވާގޮތުގައި މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ. އަދި މިހާރު ހުރި ހޮޅިތަކުގެ އިތުރުން ފަޔާ ހައިޑްރަންޓް ހޮޅިޔާއި ގޭސްހޮޅި ހިމެނޭނެކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކީ ހުރިހާ އުމުރެއްގެ މީހުން ބޭނުން ކުރުމަށް ފަސޭހަ އަދި ރައްކާތެރި މަގުތަކަކަށް ހެދުމެވެ. މީގެ އިތުރުން ފަސޭހައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ މަގު ފަހި ކޮށްދިނުމާއި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދީ ކޮނެފަ އޮންނަ އޮތުން ނިމުމަކަށް ގެނައުން ކަމުގައެވެ.

ޝިފާ ވިދާޅުވެފައި ވާގޮތުގައި މި މަޝްރޫއު ނިމޭއިރު ހުރިހާ މަގެއްގެ ދެފަރާތުގައި ގޭގެއިން ވަދެނިކުމެ އުޅެވޭ ފަދަ ޕޭވްމަންޓް އެއް ގާއިމުކޮށް ، ޕަބްލިކް ޓްރާންސްޕޯރޓެއް ޤާއިމުކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް މަގުތަކުގެ ތޮއްޖެހުން ހުއްޓުވޭނެ ކަމަށެވެ.އަދި މަގުތަކުގެ ޕާކިންގ ނިޒާމް ގާއިމުކޮށް ޕާރކިންގ ބިލްޑިންގތައް ގާއިމުކުރެވޭނެ ކަމަށާއި މުދާ އަރުވާ ބޭލުމުގައި މަގުތައް ބޭނުންކުރުމުގެ އުސޫލެއް އެކަށައަޅައި ތަންފީޒް ކުރެވޭނެކަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *