ދ. މީދޫގައި، އުމުރުން ދުވަސްވީ މީހަކު، ނުފެނިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، މޫދުގައި މަރުވެފައޮއްވާ ފެނުނީ، އުމުރުން 83 އަހަރުގެ ފިރިހެނެއްކަަމަށެވެ. އަދި އެމީހާ މަރުވިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދުގެ މެންދުރު 13:30 ހާއިރު ކަމަށެވެ.
މަރުވި މީހާގެ ޢާއިލާއާއި ޙަވާލާދީ ފުލުހުން ބުނެފައިވަނީ، އޭނާ މިއަދު މެންދުރު ގެއިން ނިކުތީ، މެންދުރު ނަމާދަށް ދިޔުމަަށް ކަމަށެވެ. އަދި ގެއްލިގެން ހޯދަންފެށީ، މެންދުރު ނަމާދަށް ދިޔަގޮތަށް އެނބުރި ގެއަށް ނައުމުން ކަމަށެވެ.
ފުލުހުން ހާމަކުރިގޮތުގައި، މޫދުގައި އޮއްވައި އެމީހާ ފެނުމާއެކު، ދ. މީދޫ ޞިއްޚީ މަރުކަޒަށް އެމީހާ ވަނީ ގެންދެވިފައެވެ. އަދި ޞިއްޚީމަރުކަޒަށް އެމީހާ ގެންދިޔައިރުވެސް، މަރުވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާކަމަށެވެ.