ޢާންމު ރައްޔިތުންގެ މެދުގައިހުރި ދީނީ، އަދި އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ގުޅިގެން ކުރިއަށްގެންދާ “އޯގާ ކޭމްޕް”ގެ ޙަރަކާތްތައް ބ. އަތޮޅުގައި ފަށައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި، މި ކޭމްޕްގެ މައިގަނޑު މަޤުޞަދަކީ، ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމާއި، ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ އަދި ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭޙަތާއި ދަރުސްތައް ދިނުމެވެ.
މި ހިނގާ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، ބ. އަތޮޅުގައި ކުރިއަށް ގެންދާ، މި ކޭމްޕްގައި ވަރަށް ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމުގައި ފުލުހުން ބުނެފައިވެެެއެވެ.
ބ. އަތޮޅުގައިހުރި ސަރުކާރުގެ މުއައްސަސާތަކާއި، ސްކޫލްތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން، ސްކޫލްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ރަށުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކުންނާއި، އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ދީނީ ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް، ކައުންސިލިން ދިނުމާއި، މިސްކިތްތަކުގައި ދީނީ ދަރުސްތައް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. ހަމަ އެހެެންމެ ދީނީ ގޮތުން މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވައިލާފައިވާނެކަމަށް މަޢުލޫމާތު ދެއްވައެވެ.
މިކޭމްޕްގެ ހަރަކާތްތައް އޭދަފުށި، ހިތާދޫ އަދި ކަމަދޫގެ އިތުރުން ކެންދޫގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކޭމްޕްގައި މަޢުލޫމާތު ދެއްވަނީ އައްޝައިޚް އަޙްމަދު މަޢުމޫނާއި އައްޝައިޚް ޙަސަން ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.