ދަރިވަރުންނަށް ދޭ ލޯނު ސްކީމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށަކަށް 1 ފުރުޞަތު ޚާއްޞަ ނުކުރެވެންވީ ސަބަބެއް ނެތްކަމުގައި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް، 1 ފުރުޞަތު ޚާއްޞަކޮށްގެން، މިފަހަރުގެ މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ލޯން ސްކީމް ތަޢާރަފުކޮށްފައިވާއިރު، މިކަމާއި ގުޅިގެން، މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، މި ގޮތަށް ލޯނު ދިނުމަށް ހަމަޖައްސާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް އެދިވަޑައިގަތުމުން، އެކަމާއި މެދު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، ލޯނުގެ ފުރުޞަތެއް ހަމަނުޖެއްސެންވީ ސަބަބެއް ނެތްކަމަށާއި، އަދި އެކަމާއި މެދު ވިސްނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާ، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަކަށް ބެހިފައިވާއިރު، ބައެއް ދާއިރާތަކުގައި މީހުން ދިރިއުޅޭ ހަތަރު ފަސް ރަށް ހިމެނެ އެވެ. އަދި ބައެއް ބޮޑެތި ރަށްރަށުގައި، ނުވަތަ ސިޓީ ތަކުގައި 2 މެމްބަރުން ފެށިގެން 15 މެމްބަރުން ތިއްބަވައެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން 550 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން 187 ރަށަށް 1 ފުރުޞަތު ކަށަވަރުކޮށްދިން ނަމަވެސް، އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ކެޓަގަރީންނާއި، ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރީއަށް 363 ލޯނުގެ ފުރުޞަތު ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.